ކުށުގެ މާހައުލުގައި އުޅެފައި ތިބި ޒުވާނުންގެ ތެރެއިން ގަދަރުވެރި ރަނގަޅު ދިރިއުޅުމަކާއެކު، އެނބުރި މުޖުތަމައަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ސްޓެލްކޯއިން "ފަހި ފުރުސަތެއް" ހުޅުވާލައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީގެ އިސްނެންގެވުމުގެ ދަށުން މިއަދު ވަނީ ޕެރޯލްގެ ފުރުސަތު ލިބޭ ބައެއް ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖެހިގެންދާނެ ފަދަ އެއްބަސްވުމެއްގައި ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސަސްއާއެކު ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ސޮއިކުރައްވާފައިވާ އިރު، ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި ކަރެކްޝަނަލް ސާވިސާސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުގުނީ ވިދާޅުވީ، ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދީ، ގައުމުގެ މުހިންމު ޒިންމާއެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯގެ ހިދުމަތުގެ އެންމެ މުހިންމު އެއް ވެލިއުއަކީ ނުވަތަ މަސައްކަތުގެ އަސާސަކީ މަސައްކަތުގެ އަހުލާގު ކަމަށް ވިދާޅުވިއެވެ.
"ދައުލަތުގެ ޕެރޯލް ނިޒާމުގެ ތެރެއިން ދޫކުރެވޭ ފަރާތްތަކަށް އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި އެކަމުގައިވާ އުސޫލުތަކުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި އަނބުރާ މުޖުތަމައުއަށް އައުމަށް އޮތް ފުރުސަތުތަކާ ގުޅޭ ހިސާބަކީ ދައުލަތުގެ އެންމެހައި މުއައްސަސާތައް ކަމަށް އަޅުގަނޑުމެން ދެކެން. އަނބުރާ މުޖުތަމައުއަށް އައުމަށް ގަވައިދުގެ ތެރެއިން ދެވެން ހުރި ފުރުސަތާއި އެއްބާރުލުން ދިނުމަކީ ހުރިހާ ދާއިރާތަކަކުންވެސް ކޮށްދޭންޖެހޭ ކަންތައްތަކެއް ކަން އަޅުގަނޑުމެން ދެކެން." މުގުނީ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، ސްޓެލްކޯއާއެކު މިއަދު މި ފަށައިގަނެވޭ މަސައްކަތުގެ ދަށުން ގައިދީންނަށް އެކި މަސައްކަތް ދަސްވެގެންދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ކަރެކްޝަންސްއިން އަބަދުވެސް މަސައްކަތް ކުރަނީ ގައިދީން މިނިވަންވެ ޖަލުން ނުކުންނައިރު އެއީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުން ކަމަށާއި ހާއްސަކޮށް އެ މީހުންނަކީ އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުވަންނަ ބަޔަކަށް ހެދުން ކަމަށެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެއް އަހަރުގެ މުއްދަތަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ޕްރޮގްރާމުގެ ނަތީޖާއަށް ބަލައި އެ އެއްބަސްވުން އިތުރު އަހަރުތަކަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް ކަންކަން ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބި ސްޓެލްކޯއިން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު