ބޯޅަ ބޭރުވުމުން ޖެހުމުގެ ފުރުސަތު ފުޓުބޯޅައަށް ތައާރަފުކޮށް، އޮފްސައިޑް ގަވާއިދަށް ބަދަލުތަކެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ތަޖުރިބާކާރު ކޯޗު، ފީފާގެ ޗީފް ހެޑް އޮފް ގްލޯބަލް ފުޓްބޯލް އާސެން ވެންގާ ބުނެފިއެވެ.

ފްރާންސްގެ ނޫހަކާ ވާހަކަ ދައްކަމުން އުމުރުން 70 އަހަރުގެ ވެންގާ ބުނެފައި ވަނީ ފުޓުބޯޅައިގެ ބައެއް ގަވާއިދުތަކަށް ބަދަލު ގެނެސްގެން ފައިދާތަކެއް ކުރާނެ ކަމަށް ވިސްނޭ ކަމަށެވެ. އެގޮތުން އެއްލުމުގެ ބަދަލުގައި ފުޓްސަލްގައި އޮންނަ އުސޫލުން ބޯޅަ ރޮނގު ކައިރީގައި ބާއްވާފައި ޖެހުމަކީވެސް އެއް ވިސްނުން ކަމަށްވެސް ވެންގާ ބުނެފައިވެއެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެ ކްލަބު ދޫކޮށްލީ 2018 ވަނަ އަހަރުގައެވެ. އާސެނަލްއާއެކު ވެންގާ ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާރު ފީފާގައި ވެންގާ ވަޒީފާ އަދާކުރަމުން އަންނައިރު، އޭނާގެ މަގާމުގެ ގޮތުން ފުޓުބޯޅައިގެ ފައިދާއަށް ބައެއް ގަވާއިދުތައް ބަދަލުކުރުމަށް ވެންގާ އަބަދުވެސް ބާރު އަޅައެވެ. މީގެ ކުރިންވެސް ވެންގާ ވަނީ އޮފްސައިޑް އުސޫލަށް ބަދަލު ގެނައުމުގެ ވާހަކަތައް ދައްކައިފައެވެ.

"އަހަރެން ބޭނުންވަނީ އޮފްސައިޑް ގަވާއިދަށް ބަދަލުތަކެއް ގެންނަން. މިހާރު ގަވާއިދުގައި އޮންނަ ގޮތުން ގޯލް ޖެހުމަށް ބޭނުންކުރެވޭނެ ކިތައްމެ ކުޑަ ތަންކޮޅެއް ޑިފެންޑަރަށްވުރެ ކުރީގައި އޮތަސް ސައިޑް. އެކަމަކު އެގޮތް ބަދަލުކުރުމަކީ ވިސްނުމެއް. އަހަރެންގެ ވިސްނުމަކީ އެޓޭކް ކުރާ މީހާގެ ގައިގެ ކުޑަތަންކޮޅެއް ޑިފެންޑަރަށްވުރެ ފަހަތަށް ހުއްޓަސް އެއީ ސައިޑް ނޫން ކަމަށް. އެއީ އެޓޭކް ކުރާ ކުޅުންތެރިޔާއަށް ބޮޑު ފައިދާއަކަށްވެސް ވެދާނެ،" ވެންގާ ބުނެފައި ވެއެވެ.

ވެންގާ ދެން ހުށަހަޅަން ބޭނުންވާ އަނެއް ބަދަލަކަށް ބުނެފައި ވަނީ އެއްލުމުގެ ބަދަލުގައި ބޯޅަ ރޮނގުކައިރީގައި ބާއްވާފައި ޖެހުމަށެވެ. އެ ބަދަލަށް ވަކި އުސޫލުތަކެއް ކަނޑައަޅަން ވެންގާ ބޭނުންވެއެވެ. އެގޮތުން އެ ގޮތަށް ފައިން ޖަހަން ފުރުސަތު ދިނުމަށް ވިސްނާފައި ވަނީ އިދިކޮޅު ހާފުން ލިބޭ އެއްލުންތަކުގައި ކަމަށް ފާހަގަކޮށްފައި ވެއެވެ.

"ނިމުމުގެ ފަސްވަރަކަށް މިނެޓް ކުރިން މިލިބެނީ އެއްލުމެއް. އެ އެއްލުން ލިބޭ ޓީމަށް ބޯޅަ ކުރިޔަށް ގެންދަން ފުރުސަތެއް ނެތް. އެއީ ކީޕަރު ނުލައި ނުވަ ކުޅުންތެރިން ތިބޭއިރު، އެއްލަން ދާ ކުޅުންތެރިޔާ ކައިރިޔަށް އެހެން ކުޅުންތެރިޔަކު އަނެއްކާ ދާން ޖެހޭނެ. އެހެންވީމަ ޑިފެންސްކުރާ ޓީމަށް ފައިދާ ވާނެ. ތަފާސް ހިސާބުތަކަށް ބަލާއިރު، 10 ފަހަރުން އަށް ފަހަރު އެއްލަން ދާ ޓީމަށް ބޯޅަ ގެއްލޭ، އެއްލުމުގެ ފައިދާ އެއްލަން ދާ ޓީމަކަށް ނުލިބޭ،" ވެންގާ ބުނެފައި ވެއެވެ.

ވެންގާ ބުނެފައި ވަނީ އިތުރު ބަދަލުތައްވެސް ގެންނަން ވިސްނަމުން އަންނަ ކަމަށެވެ. އެގޮތުން ނަގާ ކޯނަރު ވައި ތެރޭގައި ކުޅުމުން ބޭރުވިނަމަވެސް އެއީ ބޭރުވިކަމަށް ނުބެލުމަށް ވިސްނަމުން އަންނަ ކަމަށާއި، އޭގެ ސަބަބުން ގޯލް ޖަހަން އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށްވެސް ވެންގާ ބުނެފައި ވެއެވެ.