ސްމާޓް ޓްރެވަލް އޭޝިއާއިން ކުރިއަށް ގެންދިޔަ "ބެސްޓް އޮފް ދަ ޑިކޭޑް އެވޯޑްސް'' ގައި އޭޝިއާގެ އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.
އެމްއެމްޕީއާރުސީ އިން މައުލޫމާތު ދިން ގޮތުގައި މި އެވޯޑު ދީފައިވަނީ ސްމާޓް ޓްރެވަލް އޭޝިއާއިން 2005 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި މާކެޓް ރިސާޗްގެ މަސައްކަތް ކުރުމަށްފަހުއެވެ. މި ޕޯލް އަކީ އިންސާފުވެރިކަމާއެކު، އެއާލައިންތަކާއި އެއާޕޯޓުތަކުގެ އިތުރުން ފަތުރުވެރިންގެ އެކި މަންޒިލްތަކާއި ހޮޓެލްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ ޕޯލްއެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިންގެ ދަތުރުތައް މަޑުޖެހިފައި ވުމާއެކު، ސްމާޓް ޓްރެވަލް އޭޝިއާއިން މިއަހަރުގެ އެވޯޑު ދީފައިވަނީ ތަފާތު ގޮތަކަށް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.
އެގޮތުން މިއަހަރުގެ އެވޯޑު ދިނުމުގައި 2010-2019 ގެ އަހަރުތަކުގައި ހިންގުނު ޕޯލްތަކުގެ ތެރެއިން މާކްސް އާއި ރޭންކިން އަށް ބެލުމުގެ އިތުރުން، ކިޔުންތެރިންގެ ކޮމެންޓުތަކާއި ފޯކަސް ގްރޫޕުތަކުގެ ހިޔާލު އަދި ނޫސްވެރިންގެ ހިޔާލު ހޯދާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ތަފާތާއެކު މިއަހަރުގެ އެވޯޑުގައި އިތުރު ކެޓަގަރީތަކެއް އުފެދިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން އެވޯޑަށް އަލަށް އިތުރު ކުރެވުނު ކެޓަގަރީތަކުގައި ރޮމޭންސް، އެޑްވެންޗާ، ރޫމްސް، ހޮޓެލް އަދި އެކޮމަޑޭޝަން ލިސްޓުގެ ކެޓަގަރީ ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.
އޭޝިއާގެ އެންމެ ރޮމޭންޓިކް މަންޒިލުގެ އެވޯޑުގެ އިތުރުން ބެސްޓް އޮފް ދަ ޑިކޭޑް އެވޯޑްސް ގައި ރާއްޖެއިން ވަނީ އިތުރު ހަތަރު އެވޯޑެއް ހާސިލު ކޮށްފައެވެ. އެއީ؛
- ބެސްޓް ސްޕާ ހޮޓެލްސް އިން ތިން ވަނަ - ކޮންރެޑް މޯލްޑިވްސް, ރަންގަލި އައިލެންޑް
- ބެސްޓް ލަގްޒަރީ ހޮޓެލްސް (އޭޝިއާ) އިން ހަތަރު ވަނަ - ޗެވަލް ބްލެންކް ރަންދެލި
- ބެސްޓް ރޫމްސް ވިތު އަ ނިއު ވިއު އިން ހަތަރު ވަނަ - ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި
- ބެސްޓް ނިއު ހޮޓެލްސް (2017-2019) އިން ނުވަ ވަނަ - ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އެވެ.
އޭޝިއާގެ އެންމެ ރޮމޭންޓިކް މަންޒިލުގެ އެވޯޑު ރާއްޖެއަށް ލިބުމާއި ގުޅިގެން އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބު މުހައްމަދު ވިދާޅުވީ މި އެވޯޑަކީ ސީދާ ފަތުރުވެރިންނާއި ކިޔުންތެރިންގެ ފަރާތުން ލިބުނު އެވޯޑެއް ކަމުން މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ހަނީމޫނަށް އަންނަ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް މަޝްހޫރުވެގެން ދާނެ ކަމެއް ކަމަށް ތައްޔިބު ވިދާޅުވިއެވެ.
ސްމާޓް ޓްރެވަލް އޭޝިއާ އަކީ އޭޝިއާ ސަރަހައްދުގެ ހޮޓެލްތައް ރިވިއު ކުރުމުގެ އިތުރުން އެއާލައިން ސީޓް ސާވޭ އަދި ވިޔަފާރިތަކާއި ސްޕާތައް ރިވިއު ކުރާ ފަރާތެކެވެ. ސްމާޓް ޓްރެވަލް އޭޝިއާގެ ކިޔުންތެރިންގެ އޯޑިއަންސްގެ ގޮތުގައި 1.5 މިލިއަން މީހުން ހިމެނޭ ކަމަށާއި، ކިޔުންތެރިން އަހަރެއްގެ މައްޗަށް އެވްރެޖް ކޮށް 14 ދަތުރު ކުރާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ