ގާނޫނާހިލާފުވާ ފަރާތްތައް އެއްމިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ކަނޑައަޅައި، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މިބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ބިލުުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ފައިސާ ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަން ތަކާއި ފައިސާ ޓްރާންސްފާތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާއި ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުން ކަމަށެވެ.

މީގެ އިތުރުން ޕޭމަންޓް ސިސްޓަމް ތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި އެފަދަ ސިސްޓަމްތައް ރެގިއުލޭޓް ކުރާ ފަރާތެއްގެ ހައިސިއްޔަތުން އެމްއެމްއޭގެ މަސްއޫލިއްޔަތު ތަކާއި ސިސްޓަމްތައް އޮޕަރޭޓް ކުރާ ފަރާތްތަކަށް ލައިސަންސް ދިނުމާއި ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާ ގުޅޭ އުސޫލުތަކާއި ސިސްޓަމްގެ ހިދުމަތްތަކާގުޅޭ ކަންކަމާއި ގާނޫނާއި ގަވާއިދާ ހިލާފަށް ސިސްޓަމް ހިންގާ ފަރާތްކާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއެރުވުމާއި، ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމްކުރުންވެސް ހިމެނެއެވެ.

މި ގާނޫނުގައި ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށް، އެހެން ނަމަވެސް ވަކި ފިޔަވަޅެއް ކަނޑައަޅާފައި ނުވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ގާނޫނާ ހިލާފު ވެފައިވާ ކަންތައްތަކަށް އަމަލު ކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 5000 ރުފިޔާއަށްވުރެ އިތުރު ނުވާނެ އަދަދެއް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބިލުގައި ބުނެފައި ވަނީ އެ ހިދުމަތްދޭ އޮޕަރޭޓަރެއް ނުވަތަ އެ ހިދުމަތްދޭ ފަރާތެއް ނުވަތަ ބައިވެރިއެއް ނުވަތަ ސެޓްލްމެންޓް އެޖެންޓެއް ގަސްތުގައި ނުވަތަ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ތެދު ނޫން، ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަ ނުވާ ހިސާބުތަކާއި މައުލޫމާތު އެމްއެމްއޭއަށް ހުށަހެޅުން ނުވަތަ އެމްއެމްއޭއިން ބޭނުންވާ މައުލޫމާތެއް ނުދިން ނަމަވެސް، 1،000،000 އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެމްއެމްއޭއަށް ލިބިގެންވާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރަންދެން ދުވާލަކަށް 100،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެމްއޭގެ ހުއްދަ ނެތި ނުވަތަ ލައިންސަންސް ނެތި، ސިސްޓަމް ގާއިމް ކުރުމާއި ހިންގާ ނަމަ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.