ފްރާންސުން ރޭ ކުޅުނު އެކިވެރިކަމުގެ މެޗުގައި ޔުކްރެއިން ބަލިކުރީ 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދުނިޔޭ ޗެމްޕިއަނުންގެ ފެންވަރު މެޗުގައި ދައްކާލިއިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ޗެލްސީ ފޯވަޑް އޮލިވިއާ ޖިރޫއަށެވެ. ޖިރޫއަށް ރޭގެ މެޗު ހާއްސަވީ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގެ ގޮތުގައެވެ.

ރޭގެ މެޗު ޖިރޫ އިތުރަށް ހާއްސަކޮށްލީ ދެ ގޯލާއެކު ގައުމީ ޓީމުގެ ލެޖެންޑް މިޝޭލް ޕްލެޓިނީގެ ގޯލް ރެކޯޑު މުގުރާލައިގެންނެވެ. މިހާރު ޖިރޫއަކީ ފްރާންސް ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ. 100 މެޗުން 42 ގޯލް ޖިރޫ ހަމަކޮށްފައި ވެއެވެ. ގޯލް ލިސްޓްގެ އެއްވަނައިގައި އޮތް ތިއަރީ އޮންރީ 123 މެޗުން ޖަހާފައި ވަނީ 51 ގޯލެވެ. އުމުރުން 34 އަހަރުގެ ފޯވަޑަށް އޮންރީގެ ރެކޯޑު މުގުރާލުމަށް އަދި ފުރުސަތު އެބައޮތެވެ.

ފްރާންސާއެކު 100 މެޗު ހަމަކުރި ޖިރޫއަކީ އެ ގައުމުގެ ގައުމީ ޓީމަށް 100 ހަމަކުރި ހަތް ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޝަރަފު ލިބިފައިވާ ކުޅުންތެރިންނަކީ ލިލިއަން ތުރާމް، މާސެލް ޑެސައިލީ، ތިއަރީ އޮންރީ، ޒައިނުއްދީން ޒިދާން، ޕެޓްރިކް ވިއެރާގެ އިތުރުން މިހާރުގެ ކޯޗު ޑީޑިއާ ޑިޝޭމްޕް އަދި ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ.

އެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައި ވަނީ ތުރާމްއެވެ. އޭނާ ވަނީ 142 މެޗު ގައުމީ ޖާޒީގައި ކުޅެދީފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް ފްރާންސަށް ކާމިޔާބު ކޮށްދިނީ ޒުވާން ތަރި އެޑުއާޑޯ ކަމަވިންގާއެވެ. އުމުރުން 17 އަހަރުގެ ކަމަވިންގާއަކީ މިހާތަނަށް ފްރާންސަށް ގޯލް ޖެހި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ފްރާންސުން ޑޮމިނޭޓްކޮށް ކުޅެމުންދިޔަ މެޗުގައި އެޓީމުން ލީޑު ފުޅާކުރީ ޖިރޫ، 10 މިނެޓް ތެރޭގައި ދެ ގޯލާއެކުގައެވެ.

ފްރާންސްގެ އިތުރު ގޯލްތައް ޖަހައިދިނީ ކޮރެންޓިން ޓޮލީސޯއާއި އެންޓޮން ގްރީޒްމަންއެވެ. އަންދްރޭ ސެވްޗެންކޯގެ ކޯޗު ކަމުގައި މެޗަށް ނުކުތް ޔުކްރައިންގެ ގޯލް ޖަަހައިދިނީ ވިކްޓާ ސައިގަން ކޯވްއެވެ.