ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނީ އެކަށީގެންވާ ފައިސާ ލިބިގެން: ޝާހިދު

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނީ އެކަށީގެންވާ ފައިސާ ހުރިހާ ގައުމަކުން ވެސް ލިބިގެން ކަމަށާއި ކުދި ގައުމުތަކަށް ލިބޭ ފައިސާގެ އެހީ މަދުމަކަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރަކަށް އައްޔަން ކުރެއްވުމުން މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ގައުމަކުންވެސް ގައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާ ކުރުމަށާއި ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަން ޖެހޭކަމަށެވެ.

"މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ގައުމަކުން ވެސް ލިބިގެން. މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ގައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދު،" ޝާހިދު ވިދާޅުވިއެވެ

މިނިސްޓަރު ޝާހިދު ވިދާޅުވީ ސީވީއެފް އިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މިކަމަކީ ފެހި، ނޫ އަދި ސާފު އިގްތިސޯދަކާއި ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއެވެ. މިފަހަރުގެ ސީވީއެފް ލީޑާސް އިވެންޓުގައި ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެން އައީ ރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވި އދ.ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ.