އިންޑިއާ އައުޓު ކެމްޕޭނަކީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އިސްވެ ތިބެ ކުރާ ކެމްޕޭނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނަކީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އިސްވެ ތިބެ ކުރާ ކެމްޕޭނެއް ކަމަށާއި އެކަމުގައި ދިވެހިންގެ ތެރެއިން ގިނަ މީހުން ބައިވެރިވާ ތަން ނުފެންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބާކީކުރުމުގެ ނިޔަތުގައި ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

"ބައްލަވާ ޓުވިޓާގައި އިންޑިއާ އައުޓްއޭ ކިޔާ މީހުން، އެމީހުންގެ ފޮލާވާސް، ފުރަތަމަ އެކައުންޓް ހަދާ ދުވަހު މި ބުނަނީ އިންޑިއާ އައުޓޭ. އެހެންވީމަ އެއީ ދިވެހިންގެ ބޮޑު ބައިވެރިވުމެއް އޮވެގެން ހިނގާ ކަމެއް ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް ގެއްލުމެއް ދިނުމަށް ކުރާ އެއްވެސް ކަމެއްގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރިނުވާނެކަން ޔަގީން ކުރައްވާ ކަމަށާއި ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކުން އެކަމަށް ތާއިދު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނުގައި ޒުވާނުން ހަރަކާތްތެރިވާ ތަން ނުފެންނަ ކަމަށާއި އިންޑިއާއާ ގުޅިގެން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ދިވެހިންގެ ގިނަ ބަޔަކު ކަންބޮޑުވާ މަންޒަރު ނުފެންނަ ކަމަށެވެ.