ބާސެލޯނާގެ ރައީސް ޖީސެފް މާރިއާ ބާޓެމިއުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އާންމު އިންތިހާބަކަށް ދާން ބޭނުންވާ އަދަދަށް ސޮއި ހަމަވެއްޖެއެވެ.

ބާސާގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކްލަބު މެމްބަރުންގެ ސޮއި ހޯދަން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަންނަ އަހަރު އޮންނަ އެ ކްލަބުގެ ރައީސް ކަމުގެ އިންތިހާބުގައި ވާދަކުރާ ވިކްޓާ ފޮންޓް، ޖޯޑީ ފާރޭ އަދި ލުއިޒް ފެނާންޑޭޒް އަލާއާއެކު ބާސާގެ ރަސްމީ އަށް ފޭން ކްލަބެއް ގުޅިގެންނެވެ.

ބާސާގެ ކްލަބު ހިންގާ ގަވާއިދު ބުނެފައިވާ ގޮތުން އާންމު މެމްބަރުންގެ 10 ޕަސެންޓް މީހުންގެ ސޮއިއާއެކު ކްލަބުގެ ރައީސް ވަކިކުރުމުގެ އާންމު އިންތިހާބަކަށް ހުޅުވާލެވިދާނެއެވެ. މިހާރު ކްލަބު މެމްބަރުންގެ އަދަދަށް ބަލާ އެއީ 16،521 ވޯޓެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ބާސާގެ ރައީސާ ދެކޮޅަށް ސޮއި ހުށަހަޅާފައިވާ އިރު، އެ ސޮއި ސައްހަކަން ބެލުމަށް ބާސާގެ ހާއްސަ ޕެނަލަކުން ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުންވެސް 20،000 އަށްވުރެ ގިނަ މީހުން ރައީސް ވަކިކުރުމަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ޖުމްލަ ހުރިހާ ސޮއިއެއް މިމަހު 10 ވަނަ ދުވަހާ ހަމައަށް ސައްހަކަން ބަލައި ނިންމައިލާނެއެވެ. އެ ހިސާބުން ބާސާގެ ބޯޑަށް، އާންމު އިންތިހާބުގެ ތާރީހެއް އިއުލާން ކުރުމަށް ލިބިގެންދާނީ ސަރުކާރުގެ ރަސްމީ 10-20 ދުވަހުގެ މުއްދަތެކެވެ.

މިހާތަނަށް އައިއިރު ޔަގީންކަމާއެކު ބާސާގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގާނެ ކަމަށް ބުނެވޭނެ ޖާގައެއް ނެތް ނަމަވެސް، ސޮއިގެ އަދަދަށް ބަލައި އެކަން ކުރަން ބާސާގެ ބޯޑަށް މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެކަން ދާނަމަ އަންނަ ނޮވެންބަރު މަހުގައި ބާސާ ރައީސް އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެއެވެ. އެ ވޯޓުގައި ބާސާގެ ރައީސް ބޭރުކުރެވޭނީ 66 ޕަސެންޓް ވޯޓު ލިބިގެންނެވެ.

ބާސާގެ ރައީސް ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ކްލަބުގެ ތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ވިއްކާލި މައްސަލައިން ފެށިގެން ކްލަބަށް ކޯޗުން ހޯދުމުގައި ބާޓެމިއު ގެންގުޅޭ އުސޫލަށް ދާންދެން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ޓްރާންސްފާތައް ކުރުމުގައިވެސް ބާސާގެ ބޯޑުން ފެއިލްވެފައިވާ ކަމަށްވެސް ބާސާގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.

ބާސާ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މުޅި ކްލަބުން ކަހަލަ ގޮތަކަށް ގޮވަން ފެށީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން އަތުން 8-2 ގެ ނަތީޖާއަކުންވީ ބައްޔާއެކުއެވެ. އޭގެ ފަހުން ބާސާގެ އެތެރޭ މައްސަލަތައް އިންތިހާއަށް ފެންމަތިވެފައިވާ އިރު، ބާސާއިން ކްލަބުގެ ލެޖެންޑަރީ ބައެއް ކުޅުންތެރިންނާ މެދު އަމަލު ކޮށްފައިވާ ގޮތަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އާމާޒުވެފައެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ މިދިޔަ ސީޒަނަށްފަހު ބާސާ ދޫކޮށްލަން އެދުނު ނަމަވެސް، މެސީއަށް ވަނީ ކްލަބާއެކު ގާނޫނީ ބޮޑު ހަނގުރާމައަކަށް ދާން ޖެހިފައެވެ. މެސީގެ ކޮންޓްރެކްޓްގައި ހިމެނޭ ހިލޭ ޓްރާންސްފާގައި ކްލަބު ދޫކޮށްލެވޭ މާއްދާގެ ބޭނުން ހިފުމަށް މެސީ އެދުނު ނަމަވެސް ބާސާގެ ރައީސް ވަނީ އެކަމަށް މުއްދަތު ފާއިތުވެފައިވާ ކަމަށް ބުނެފައެވެ. އެ މުއްދަތު ކޮންޓްރެކްޓްގައި ލިޔެފައިވާ ތާރީހަށްވުރެ ފަސްވީ ޕެންޑަމިކާއެކު ސީޒަން ލަސްވުމުންނެވެ.

މެސީ މީޑިއާގައި ބާސާގެ ރައީސަށް ހޫނު ބަހުގެ ހަމަލާތަކެއްވެސް ދީފައިވާ އިރު، މެސީއަށް ކްލަބު ދޫކޮށް ނުލެވުނީ މެސީގެ ރިލީސް ފީ ދެވޭނެ އެއްވެސް ކްލަބެއް ޔޫރަޕްގައި ނެތުމުންނެވެ. މެސީ ބުނެފައިވަނީ މިއީ އޭނާ ބާސާގައި ހޭދަކުރާ ފަހު ސީޒަން ކަމަށާއި ބާސާގެ ރައީސަކީ އިހުތިރާމް ކުޑަކުރާ، ބާސާގެ ކަންކަން ހަލާކުކުރުމަށް ފޫގަޅާފައިވާ މީހެއް ކަމަށެވެ.