ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން 200 ބިދޭސީން މިއަދު ފޮނުވާލައިފި އެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، ބިދޭސީން ގައުމަށް ފޮނުވާލުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމަށް ފުރުވާލެވިފައިވާ ކަމަށެވެ. އެމީހުން ގެންދަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އެއްހާ ބިދޭސީން އުޅޭ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުން ދައްކައެވެ. ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ގައުމަށް ފޮނުވާލައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ނިޔަލަށް 20،000 ބިދޭސީން ފޮނުވާލުމަކީ އަމާޒު ކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް ފޮނުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު