އޭޑީކޭ ހޮސްޕިޓަލުގައި ރޭ ސިޒޭރިއަން ހެދި އަންހެނަކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން މެޓާނަލް ޑެތެއް ނުވަތަ ވިހެއުމުގެ ތެރޭގައި އަންހެން މީހާ މަރުވެއްޖެނަމަ އެކަން އެ ހޮސްޕިޓަލަކުން ހެލްތު މިނިސްޓްރީއަށް އަންގަން ޖެހެއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ހާދިސާ ހިނގުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ރޭ ދަންވަރު އެކަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އާއިލާގެ ފަރާތުން އެ މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ކޭސް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯވެސް ބަލާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސިޒޭރިއަނަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާއަށް ލިބުނު ކުއްޖާގެ ހާލު ރަނގަޅެވެ.