ތިން ފުލުހަކަށް އިންޒާރު ދިން މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ކުޅުދުއްފުށި، މަންޒިލް، މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވެ، ހަ މަސް ދުވަހަށް ޖަލަށް ލާން ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދައުލަތުން މުހައްމަދު ވަހީދުގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، 2019 ޑިސެމްބަރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީ ކަމަށް ބުނެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މި ދައުވާގެ ހުކުމްގައި ވަނީ، މުހައްމަދު ވަހީދު ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި އިއުތިރާފުވެފައިކަން އެނގެން އޮތުމުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ހުކުމުގައި ވަނީ މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އެ ގާނޫނުގެ ދަށުން މުހައްމަދު ވަހީދު، ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު