ޗެލްސީއާއި އިންގްލެންޑްގެ ފޯވަޑް ޓެމީ އަބްރަހަމްގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީއަކާ ގުޅިގެން ބެން ޗިލްވެލްއާއި ޖޯޑަން ސަންޗޯވެސް ގައުމީ ޓީމަށް ނުގޮސް މަޑުކޮށްލަން އަންގައިފިއެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެގައުމުގައި މިހާރު ވަނީ އަނެއްކާވެސް ވަރުގަދަ ކޮށްފައެވެ. އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެގައުމުގައި ހަ މީހުންނަށްވުރެ ގިނައިން އެއްވެސް އެއްވުމެއް، އެއްވެސް ޕާޓީއެއް ބޭއްވުން ވަނީ މަނާކޮށްފައެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޗިލްވެލް އާއި ސަންޗޯ ވަނީ އަބްރަހަމްގެ އުފަން ދުވަސް ފާހަގަކުރުމަށް ގިނަ ބަޔަކު ދިޔަ ޕާޓީއަކަށް ގޮސްފައެވެ. އެ ޕާޓީއަކީ އަބްރަހަމްގެ އާއިލާގެ އިތުރުން ބައެއް ރައްޓެހިން ބައިވެރިވި ޕާޓީއެކެވެ. ގައުމީ ޓީމުގެ މެޗުތަކަށް ތައްޔާރުވަމުން އަންނަ އިރު، އިންގްލެންޑްގެ ސްކޮޑުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެއީ ގައުމީ ޓީމުތަކުގެ މެޗުތަކަށްފަހު ކުޅުންތެރިން ކްލަބުތަކާ ގުޅޭ އިރު، ކޮވިޑް 19 ފެތުރުމުގެ ފުރުސަތެއް އޮވެދާނެތީއެވެ.
ޕާޓީއާ ގުޅިގެން އަބްރަހަމް ބުނެފައިވަނީ ޕާޓީއަކީ އޭނާއަށް ނޭނގި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށާއި ރަނގަޅަށް ނުވިސްނާ ކުރެވޭ ކަންކަމުން މައާފަށް އެދެން ބޭނުންވާ ކަމަށެވެ. އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ޑޯޓުމަންޑުގެ ސަންޗޯވެސް ބުނެފައިވަނީ ސަރުކާރުގެ އުސޫލުތަކުން ބޭރަށް ދެވުމުން މައާފަށް އެދޭ ކަމަށާއި ޕާޓީއަށް ދިޔުމުގެ ކުރިން އެ ޕާޓީއަށް ދާ މީހުންގެ އަދަދު ނޭނގޭ ކަމަށެވެ.
އިނގިރޭސި ޓީމު، ސައުތު ގޭޓާއެކު ޖޯޖްސް ޕާކުގައި ކޭމްޕް ކޮށްފައިވާ އިރު، އެ ތިން ކުޅުންތެރިންވެސް ޓީމާ ގުޅޭނީ ޕާޓީގެ ހާލަތު ބަލައި، އެކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އެކަމަށް އެކަށޭނެ ފިޔަވަޅުތައް އެޅުމަށް ފަހުއެވެ.
އިންގްލެންޑުން މި އިންޓަނޭޝަނަލް ބްރޭކުގައި ބެލްޖިއަމްއާއި ޑެންމާކް އަދި ވޭލްސްއާ ދެކޮޅަށް ކުޅޭނެއެވެ. މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ރަހީމް ސްޓާލިންއަށް އަނިޔާވުމުން ސައުތު ގޭޓް ވަނީ ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްއަށް ސީނިއާ ޓީމުގެ ފުރަތަމަ ޖާގަ ދީފައެވެ. އެކަން އިއުލާން ކުރީ މިއަދުއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ