ކުށް ކުރާ މީހުން މުޖުތަމައަށް ނެރުމުގައި ޖަލުތަކުން ހިންގާ ރީއިންޓަގްރޭޝަން ޕްރޮގްރާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރުސީއެމުން ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެޗްއާރުސީއެމުން ވަނީ ޖަލުތަކުގެ ގައިދީންނާ މެދު އަމަލުކުރާ ގޮތާއި ބެހޭ މައުލޫމާތު ސާފުކޮށްފައެވެ. އެބައްދަލުވުމުގައި އެޗްއާރުސީއެމުން ވަނީ ގައިދީންގެ ހައްގުތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުންނާއި ކަރެކްޝަންއިން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރިމާންޑަށް ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭން ޖެހޭ އިނާޔާތްތައް ހޯދައިދިނުމަށް އެޗްއާރުސީއެމުން ވަނީ ކަރެކްޝަނަށް އިލްތިމާސްކޮށްފައެވެ.

ކަރެކްޝަންސްގެ އިތުރުން އެޗްއާރްސީއެމުން އިއްޔެ ވަނީ، ޖެންޑާ މިނިސްޓްރީއާ ޕްރޮސެކިއުޓާ ޖެނެރަލްއާވެސް ބައްދަލުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި އެޗްއާރްސީއެމުން ވަނީ، ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީންނަށް ރައްކާތެރި މާހައުލެއް މިހާރުން މިހާރަށް ހޯދައިދިނުމަށް އެދިފައެވެ.