އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުލަތަށް ނުލެބެނީސް ތައުބާވި ކަމަކަށް ނުވާނެ ކަމަށް އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުކުމް އިއްވެވި ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ. އެ ދައުވާތައް ސާބިތުވުމާއެކު އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.

ހުކުމް އިއްވެވުމަށްފަހު ގާޒީ ހަސަން ސައީދު ވިދާޅުވީ ހިޔާނާތްވި ފައިސާއަކީ އެންމެ މީހެއްގެ ހައްގެއް ނޫން ކަމަށާއި މިއީ ﷲގެ ހައްގެއްގެ އިތުރުން މުޖުތަމައުގެ ހައްގެއް ކަމަށެވެ. އެހެންކަމުން އެ ފައިސާ ދެވުނު ގޮތަކަށް ދެއްވުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ބާކީ އޮތް ދުވަހު އަމިއްލަ ނަފުސު މުރާޖައާކޮށް، އެކަން ވީ ގޮތް (ހިޔާނާތުގެ ފައިސާއަށްވީ ގޮތް) އަމިއްލަ ނަފުސާ ސުވާލުކޮށް އޭގެ ހަގީގަތް ދިވެހި ދައުލަތާ ހިއްސާކޮށް، މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުން. އެނޫނީ ތައުބާވި ކަމަކަށް ނުވާނެ. މިއީ އެކެއްގެ ހައްގެއް ނޫން. އެކެއްގެ ހައްގު ނަމަ ދެވިދާނެ. އަދި އަމިއްލަ ނަފުސަށް ކުށެއް ކުރެވުނު ކަމަށްވާނަމަ، ތައުބާވުމުން އެކަން ވާނެ. މިއީ ﷲ ގެ ހައްގެއް. މުޖުތަމައުގެ ހައްގެއް. މިއީ ވަރަށް ނުރައްކާތެރި ކަމެއް،" ގާޒީ ވިދާޅުވި އެވެ.

ގާޒީ މިހެން ވިދާޅުވި އިރު، މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާތަކަށް އިއުތިރާފުވެ އަދީބު ވަނީ ރައްޔިތުންނާއި ސަރުކާރުގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ކުރެވުނު ކަންތައްތަކާމެދު ދެރަވެ ހިތާމަކުރާ ކަމަށާއި އެކަމަށް ތައުބާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.