އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ނުލިބެނީސް އެ މައްސަލައަށް އިންސާފު ލިބުނު ކަމަށް ނުބެލެވޭނެ ކަމަށް އެ މައްސަލައިގައި ހުކުމް އިއްވެވި ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ. އެ ދައުވާތައް ސާބިތުވުމާއެކު އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
ހުކުމް އިއްވެވުމަށްފަހު ގާޒީ ހަސަން ސައީދު ވަނީ، ޒުވާނަކަށް ވެފައި ގައުމުގެ އެހާ ބޮޑު މަގާމެއް ލިބުނު ގޮތް އެއްވެސް ވަރަކަށް ހަނދުމަފުޅު ނުކުރެވުނީތޯ އަދީބާ ސުވާލުކޮށްފަ އެވެ. އަދި ބާކީ އޮތް ދުވަހު އަމިއްލަ ނަފުސު މުރާޖައާކޮށް، އެކަން ވީ ގޮތް އަމިއްލަ ނަފުސާ ސުވާލުކޮށް އޭގެ ހަގީގަތް ދިވެހި ދައުލަތާ ހިއްސާކޮށްދެއްވުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.
"އެހެންވީމާ މިއަށް (ހިޔާނާތުގެ މައްސަލައަށް) އިންސާފު ހޯދައިދެވޭނީ މި ފައިސާ ދިވެހި ދައުލަތަށް ލިބިގެން. އެންމެ ފަހު ވަގުތު ވެސް އަޅުގަނޑު ދަންނަވާނީ އަމިއްލަ ނަފުސު މުރާޖައާ ކުރައްވައި، ބާކީ އޮތް ދުވަސްކޮޅުގައި ހެޔޮގޮތުގައި އުޅުއްވުމަށް." އަދީބަށް ނަސޭހަތް ދެއްވައި ގާޒީ ވިދާޅުވި އެވެ.
ގާޒީ މިގޮތަށް ވިދާޅުވި އިރު، މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާތަކަށް އިއުތިރާފުވެ އަދީބު ވަނީ ރައްޔިތުންނާއި ސަރުކާރުގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ކުރެވުނު ކަންތައްތަކާމެދު ދެރަވެ ހިތާމަކުރާ ކަމަށާއި އެކަމަށް ތައުބާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު