މިދިޔަ ސީޒަންގައި ބާސެލޯނާއަށް 97 މިލިއަން ޔޫރޯ ގެއްލުންވެ، ކޮވިޑް 19 އާ ގުޅިގެން އެކްލަބަށް ޖުމުލަ 203 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
ބާސާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕެންޑަމިކް ކުރިމަތިނުވެ، އާންމު އުސޫލުން ކަންކަން ހިނގިނަމަ، މިދިޔަ ސީޒަންގައި ކްލަބަށް ބިލިއަން ޔޫރޯގެ ފައިދާ ޖެހޭނެއެވެ. ބާސާއިން މިއަހަރު ނިންމާލީ 855 މިލިއަން ޔޫރޯގެ ފައިދާގައެވެ. ބާސާއިން ބުނެފައިވަނީ ކޮވިޑް 19އާ ގުޅިގެން ޓީމުގެ ހަރަދު 74 މިލިއަން ޔޫރޯއިން ކުޑަކުރި ނަމަވެސް، ސީޒަން ދިގުލައިގެން ދިޔުމުން ގެއްލުން ބޮޑުވި ކަމަށެވެ.
ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން މުޅި ކުޅިވަރު އާއިލާއަށް ކުރިމަތިވި ދަތިތައް ބާސާއަށްވެސް ކުރިމަތިވި ކަމަށެވެ. އެގޮތުން މުބާރާތްތައް ހުއްޓާލަން ޖެހުމުގެ އިތުރުން ބޮޑެތި މެޗުތައް ފަހުންވެސް ސަޕޯޓަރުންނާ ނުލައި ކުޅެން ޖެހުމަކީ ބާސާއަށްވެސް، އަދި ދުނިޔޭގެ އެހެން ހުރިހާ ކްލަބުތަކަށްވެސް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށް ބާސާއިން ފާހަގަކޮށްފައިވެއެވެ.
ޔޫރަޕްގެ ކްލަބުތަކާ ބެހޭ މައި އިދާރާ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަނުން އަންދާޒާ ކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް ހަތަރު ބިލިއަން ޔޫރޯގެ ގެއްލުން އެކި ކްލަބުތަކަށް ފޯރާފައިވެއެވެ. ޔޫރަޕުގެ އެންމެ ބޮޑު އެއް ކްލަބަކީ ބާސާ ކަމަށްވާއިރު، އެ ކްލަބަކީ ފުޓުބޯޅައިގެ ބޭރުންވެސް އެކިއެކި ގޮތްގޮތުން އާމުދަނީ ހޯދާ ކްލަބެކެވެ.
މެޗު ޓިކެޓުގެ އިތުރުން ބާސާއިން އެންމެ ބޮޑު އާމުދަނީއެއް ހޯދަނީ ބާސެލޯނާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޓުއާތަކުންނެވެ. ބާސާގެ ސްޓޭޑިއަމްގެ ޓުއާތަކުގެ އިތުރުން ބާސާގެ ޕްރޮޑަކްޓްތައް ވިކުމުގެ އިންސައްތަވެސް ޕެންޑަމިކާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ބާސާގެ އާމުދަނީއަށް އަސަރުކުރި އަނެއް ސަބަބަކަށް ބެލެވެނީ މިދިޔަ ސީޒަން ހުސްއަތާ ނިންމާލުމެވެ. ތަށްޓެއް ނުލިބި ދަށް ނަތީޖާތަކާއެކު ސީޒަން ނިންމާލާފައިވާ އިރު، ކްލަބުގެ ބޯޑާއި ބައެއް ކުޅުންތެރިންނާ ވަނީ މައްސަލަތައްވެސް ޖެހިފައެވެ. ވަކިން ހާއްސަކޮށް ބާސާގެ ކެޕްޓަން، ލިއޮނަލް މެސީ ކްލަބު ދޫކޮށްލާނެ ކަމަށް ގިނަ ވާހަކަތަކެއްވެސް ސީޒަނަށްފަހު ދެކެވުނެވެ. އެހެންނަމަވެސް، ބާސާއިން ވަނީ މެސީ ދިޔަނުދީ ހިފަހައްޓައިފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ