މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކާއި އެ ފައިސާއިން އުފައްދާފައިވާ އެސެޓްތަކުގެ މައުލޫމާތު ތަހުގީގު ޓީމަށް ކިޔައިދެއްވާފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދެއްވި ފުރުސަތެއްގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ، ދައުލަތާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި ހިޔާނާތުގެ ތަހުގީގުގައި ދައުލަތަށް އެއްބާރުލުން ދެއްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިދަނީ އަމިއްލައަށް އެދިގެން އެއްބާރުލުން ދެމުން. އަޅުގަނޑު ވާނީ ފޯނާއި ބައިވަރު މެސެޖުތަކާއި އަދި ހަމައެހެންމެ އިތުރު ހެކި ގަރީނާތަކެއް ވެސް ދީފައި. އަދި ފައިސާ (އެމްއެމްޕީއާރުސީގެ ހިޔާނާތުގެ) ޖަމާކުރި ފަރާތްތަކާއި އަދި އޭގެން އުފައްދާފައިވާ އެސެޓްތަކާއި މީގެ ހުރިހާ މައުލޫމާތުތަކެއް އަދި އޭގެން ނެގެން ހުރި އެސެޓްތަކާއި ހުރިހާ އެއްޗެހިތަކެއް ތަހުގީގަށް ކިޔައިދީފައިވާނެ،" އަދީބު ވިދާޅުވި އެވެ.
މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުރުން އެ ޕާޓީތަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި އަދި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް އެ ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހިޔާނާތުގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ކުރެއްވީ ދައުލަތުގެ އެކި ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކަމަށާއި އެ ފައިސާ ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުން ނަގާ ވޯޓުތަކަށާއި އެހެނިހެން މުއައްސަސާތަކުގެ ކަންތައްތަކަށް ބޭނުންކޮށްފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުގެ އެކައުންޓަކަށް ޖަމާކުރެއްވީ ރައީސް ޔާމީންގެ އިރުޝާދާ އެކުގައި ކަަމަށެވެ. އަދި އެ ހުރިހާ ކަމަކީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކުރިއަށްދިޔަ ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު