15 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރު ކުރި ދެމަފިރިންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ ދެމީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ ދެމަފިރިންނަކީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ވަނީ އެ ދެމީހުން ދިރިއުޅޭ ގެ ކައިރީ އާންމުންގެ ބަޔަކު މުޒާހަރާ ކޮށްފައެވެ. އަދި އެމީހުން ވަގުތުން ހައްޔަރު ކުރުމަށް މުޒާހަރާ ކުރި މީހުން ދިޔައީ ގޮވަމުންނެވެ.

އާންމުން މުޒާހަރާ ކުރަމުން ދަނިކޮށް ޔުނާން އާއި ރިހުލާ، ފުލުހުންގެ ކާރަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފުލުހުން އިއްޔެ މައުލޫމާތު ދިން ގޮތުގައި އެ ދެމީހުން ފުލުހުންގެ ވެހިކަލުގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ އެ ދެމީހުން އަމިއްލައަށް ރައްކާތެރިކަމަށް އެދުމުންނެވެ.