ކުޅިވަރު

67 އަހަރު ތެރޭގައި ޗެމްޕިއަނެއްގެ އެންމެ ބޮޑު ބަލި، ލިވަޕޫލް ލަދުގަންނަވާލައިފި!

އިނގިރޭސި ޕްރިމިއާ ލީގު ތާރީހުގައިވެސް ނުދެކޭ ފަދަ ތަފާތު ނަތީޖާތަކެއް ރޭގެ މެޗުތަކުން ފެނިގެންދިޔައެވެ. ހަމައެކަނި ލިވަޕޫލްގެ ބޮޑު ބައްޔެއް ނޫނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ބޮޑު ބައްޔާއެކު ޕްރިމިއާ ލީގު ސަޕޯޓަރުންނަށް ސިހުން ގެނުވި ނަތީޖާތައް ރޭގެ މެޗުތަކުގައި ފެނިގެން ދިޔައެވެ.

ލިވަޕޫލުން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކުރީ 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ. އުނދަގޫ ފަސްވަރަކަށް އަހަރަށްފަހު ލިވަޕޫލުން އަނެއްކާވެސް ޔޫރަޕްގެ ރަސްކަމުގެ އިތުރުން އިނގިރޭސި ފުޓުބޯޅައިގެވެސް ރަސްކަމަށް އައިސް، މިހާރު އެޓީމުން ގުނަމުން އަންނަނީ އުފާވެރި، ކްލަބުގެ ކާމިޔާބީގެ ރަން ދުވަސްތަކެވެ.

ޔާގަން ކްލޮޕް ޓީމާ ހަވާލުވެ، މުޅި ލިވަޕޫލްގެ ސިސްޓަމް ރަނގަޅުކޮށް، ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބަށް ހަދާފައި އޮތްއިރު، މި ސީޒަނަށް އެ ކްލަބު ނުކުތީ އިނގިރޭސި ޗެމްޕިއަނުންގެ ރަން ބެޖާ އެކުގައެވެ. މާ ބޮޑެތި ޓްރާންސްފާތަކެއްވެސް ނުކޮށް، ކުރިން އޮތް ޓީމަށް އިތުބާރުވެސް ކޮށްފައެވެ. ސީޒަންގެ މިހާތަނަށް މައްސަލައެއް ނުޖެހެއެވެ. ލީގުގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން ދިޔައެވެ. ކޮމިއުނިޓީޝީލްޑާއި ކަޕް މެޗުން ބަލިވި ނަމަވެސް، ލިވަޕޫލުން ލީގުގައި ކުޅުނީ ހާސްކަމެއް ނެތިއެވެ.

އެ ރަނގަޅު ފޯމަށް ނިމުން ގެނުވީ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު އާދަޔާ ހިލާފު މެޗުގައެވެ. އެސްޓަން ވިލާއިން ލިވަޕޫލް ކޮޅަށް ހަތް ގޯލް ޖެހިއެވެ. މެޗު ނިމުނީ 7-2ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެ، މުޅި ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ތަފާތު މަންޒަރެއް ދައްކާފައެވެ. ޗެމްޕިއަނުން ކޮޅަށް ހަތް ގޯލް ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ.

ގާތް ގަނޑަކަށް 70 އަހަރު ކުރިން، 1953 ވަނަ އަހަރު ޗެމްޕިއަނުންގެ ގޮތުގައި އާސެނަލް އޮތްއިރު، ސަންޑަލޭންޑުން އެޓީމު ކައިރިން 7-1އިން މޮޅުވިފަހުން، ރޭގެ މެޗަކީ ޗެމްޕިއަން ޓީމުގެ ގޮތުގައި އޮތް ޓީމެއް ކޮޅަށް ހަތް ގޯލް ޖެހި ފުރަތަމަ މެޗެވެ. އަދި ރޭގެ ނަތީޖާއަކީ ކްލޮޕްގެ އެންމެ ބޮޑު ބައްޔެވެ. މޮޑާން އެރާގައިވެސް ލިވަޕޫލުން ކުރިމަތިލި އެންމެ ބޮޑު ބައްޔެވެ. 1963 ވަނަ އަހަރު ފަހުން ލިވަޕޫލްގެ ކޮޅަށް ހަތް ގޯލް ވަދެގެން ނިމުނު ފުރަތަމަ މެޗަކީވެސް ރޭގެ މެޗެވެ.

ލިވަޕޫލްގެ ތާރީހުގައިވެސް ކަޅު ރެއެކެވެ. އެސްޓަންވިލާގެ އޮލީ ވަޓްކިންސް ހެޓްރިކް ހެދިއިރު، ޖެކް ގްރީލިޝް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ލިވަޕޫލުން ކޮވިޑް ޖެހިފައިވާ ސަޑިއޯ މާނޭގެ އިތުރުން ތިއާގޯ އަލްކަންޓްރާވެސް ނުލައި ކުޅުނުއިރު، އެޓީމަށް އެންމެ ބޮޑަށް ދެއްކީ ގޯލްކީޕަރު އެލިސަން ބެކާ އަނިޔާގައި ހުރި ތަންކޮޅެވެ.

ލިވަޕޫލްގެ ދެ ގޯލްވެސް މުހައްމަދު ސަލާހް ކާމިޔާބު ކޮށްދީފައިވާއިރު، އެސްޓަންވިލާގެ އަނެއް ގޯލްތައް ޖަހައިދިނީ ޖޯން މެކްގިންސްއާއި މިދިޔަ ހަފުތާ ތެރޭ ޗެލްސީން ލޯނަށް އެޓީމަށް ދިޔަ ރޮސް ބާކްލޭއެވެ.

މެޗަށްފަހު ލިވަޕޫލްގެ ކުޅުންތެރިން ލަދުވެތިކަމާއެކު ދަނޑުން ފައިބައިގެންދިޔަ މަންޒަރު ފެނުނީ ތަފާތު މަންޒަރެއްގެ ގޮތުގައެވެ. ބައެއް ކުޅުންތެރިންނަށް ވަނީ ރޮވޭ ވަރަށް އަސަރު ކޮށްފައެވެ. ޕްރިމިއާ ލީގު ތާރީހުގައިވެސް ރޭގެ ނަތީޖާ ލިޔެވިގެންދާނެއެވެ. ލިވަޕޫލަށް އެންމެ ރަނގަޅު ތާރީހީ ގޮތެއްގައެއް ނޫނެވެ.