ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ސަލީމް ޓްރީޓޮޕްގައި އެޑްމިޓްކޮށްފައިވާކަން ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ސަލީމް އެޑްމިޓްކުރީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ.

ހީނާ ވިދާޅުވީ، ސަލީމް އެޑްމިޓްކޮށްފައިވަނީ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫން ކަމަށެވެ. އަދި ސަލީމްގެ ބަލިހާލަތާ ބެހޭ މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުވެސް މެއެވެ.