އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭގެ ތެރެއިން ހަތަރު މީހުންނަކީ ޕާކިސްތާނުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ އެތެރެވި މީހުން ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ މީހަކާއި 30 އަހަރާއި 34 އަހަރުގެ އިތުރުން 41 އަހަރުގެ މީހެކެވެ.
ކަސްޓަމްސްއިން ބުނީ، އެ ހަތަރު މީހުންގެ އެތެރެހަށީގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ބެލެވިގެން ފުލުހުންނާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި އެމީހުން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި 81 ބުލެޓު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމުލަ 791 ގްރާމްހުރި އިރު، އެތަކެތީގެ މަގުމަތީގެ އަގު 623،800 ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.
އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ދެން އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެ އައި، 27 އަހަރުގެ ކެންޏާ އަންހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައި ހުރި 53 ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
އެ ފަސް މީހުންނާއި އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު