އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"މި ހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވޭ. ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އަދި ހެރޮއިން ހިމެނޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބުޗާ އަކީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހެއް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލައިގައި އަބުޗާ އާއި މުހައްމަދު ޔާމީން ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖިލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަަށާއި މި އޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސްއާ ސައުތު ޕޮލިސް ޑިވިޒަންގައި ގާއިމުވެ ތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޒަން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރު ވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ އޮތް ގުޅުން އޮޅުންފިލުވުމަށް އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު