ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ދެމަފިރިއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހަވީރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ ދެމަފިރިންނަކީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހަވީރު ވަނީ އެދެމީހުން ދިރިއުޅޭ ގެ ކައިރީ އާންމުންގެ ބަޔަކު މުޒާހަރާ ކޮށްފައެވެ. އަދި އެމީހުން ވަގުތުން ހައްޔަރު ކުރުމަށް މުޒާހަރާ ކުރި މީހުން ދިޔައީ ގޮވަމުންނެވެ.

އާންމުން މުޒާހަރާ ކުރަމުން ދަނިކޮށް ޔޫނާން އާއި ރިހުލާ، ފުލުހުންގެ ކާރަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފުލުހުން ބުނީ އެ ދެ މީހުން އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ފުލުހުންގެ ވެހިކަލުގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ.