ބ. އޭދަފުށީގައި އަމިއްލަ ފަރާތަކުން އަޅާފައިވާ ޓާފް ދަނޑުގެ މައްސަލައިގައި ޒުވާނުންތަކެއް މުޒާހަރާ ކޮށްފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލްގެ ރައީސް ތަލާލް އަބްދުރަހްމާން ވިދާޅުވީ މި މުޒާހަރާއަކީ ޓާފް ދަނޑަށް ކުޅެންދާ ޒުވާނުންނަށް ދިމާވާ އެކި ކަހަލަ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް އެދި ޒުވާނުން ކުރި ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ޓާފް ދަނޑު ބަލަހައްޓަން ހަމަޖައްސާފައިވާ މީހާ ކުޅެންދާ ޒުވާނުންނަށް އެކި ކަހަލަ އުނދަގޫ ކުރާކަމަށް ފާހަގަ ކޮށްފައިކަމަށް ތަލާލް ވިދާޅުވިއެވެ. އެގޮތުން ޒުވާނުން ކުޅެންދާ ވަގުތު ގޯލުތައް ފޮރުވުން ފަދަ ކަންކަން ކުރާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާކަން ތަލާލް ފާހަގަ ކުރެއްވިއެވެ.

ތަލާލް ވިދާޅުވީ މިކަންކަމަށް ކައުންސިލުން ހައްލު ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ރަށުގެ ޒުވާނުންނަށް އަންގާފައިވާނެ ކަމަށް ތަލާލް ވިދާޅުވިއެވެ. ތަލާލް ވިދާޅުވީ ޓާފް ދަނޑުގެ ކަންކަމުގައި ކައުންސިލުން މިހާތަނަށް ކުރަމުން އައި ހަމައެކަނި މަސައްކަތަކީ ދަނޑު ދޫކުރުމަށް ޝެޑިއުލެއް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދަނޑު ހެދި ފަރާތުން ދަނޑުގެ ކަންކަން ބެލެހެއްޓުމަށް ދެމީހަކު ހަމަޖައްސާފައިވާ ކަމަށާއި، ޒުވާނުންނަށް އެކި އުނދަގޫތަކާއި ކުރިމަތިވަނީ އެތަނުން މީހެއްގެ ފުށުން ކަމަށް ތަލާލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭދަފުށީގެ ޒުވާނެއް ކަމަށްވާ މުހައްމަދު ފާސިރު "ވަން" އަށް މައުލޫމާތު ދެމުން ވަނީ މިއަދުގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ދަނޑުގައި ކުޅޭ ފަސް ޖަމިއްޔާގެ އިސް ބޭފުޅުން މި މައްސަލައިގައި ކައުންސިލާ ބައްދަލު ކުރި ވަގުތުގައި ކަމަށް ބުނެފައެވެ. އަދި މުޒާހަރާގެ މައިގަނޑު ބޭނުމަކީ ކައުންސިލުން ޒުވާނުންނަށް މި ޓާފް ދަނޑުގެ ބޭނުން ފުރިހަމަ ގޮތުގައި ހޯދޭނެ މާހައުލެއް ގާއިމު ކޮށްދީ މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެދުން ކަމަށްވެސް ފާސިރު ބުންޏެވެ.

ފާސިރު ކިޔައިދިން ގޮތުގައި ރަށުގެ ފަސް ޖަމިއްޔާއަކުން މި ދަނޑު ބޭނުން ކުރެއެވެ. އަދި މި ދަނޑު ބޭނުން ކުރަނީ ކައުންސިލުން ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަށް ކަމަށް ފާސިރު ފާހަގަ ކުރެއެވެ. ނަމަވެސް ދަނޑު ބޭނުން ކުރުމުގައި ހުރަސްތަކާ ކުރިމަތިވަނީ އެތަން ބަލަހައްޓާ މީހަކު ދަނޑުގެ ގޭޓު ތަޅުލުން، ގޯލު ޕޯސްޓުތައް ފޮރުވުން އަދި ކުޅެން ދާ އެކި ކުދިންނަށް އެއްޗެހި ކިޔުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭތީ ކަމަށް ފާސިރު ބުންޏެވެ.

ކައުންސިލްގެ ފަރާތުން އޭދަފުށީގެ ޒުވާނުން އެދެނީ މި ކަންކަމަށް ފިޔަވަޅު އެޅުމަށް ކަމަށް ފާސިރު ބުންޏެވެ.

އޭދަފުށީގައި މި ޓާފް ދަނޑު އަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަދި ދަނޑުގެ ޓާފް އަޅައިދިން ފަރާތުން ވަނީ ދެއަހަރު ވަންދެން ދަނޑު މަރާމާތު ކޮށް ބެލެހެއްޓުމާ ހަވާލުވާނެކަން ސްޕޯޓްސް މިނިސްޓްރީއަށް 2019 ވަނަ އަހަރު އަންގައިފައެވެ. މި މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މެއި މަހުއެވެ.