ސަލްޓަންސް އޮފް ދަ ސީސް އިން ދައުތަލަތަށް 110.2 މިލިޔަން ރުފިޔާ ނެގުމަށް، ސުޕްރީމް ކޯޓުގައި ދައުލަތުން ކުރާ އިސްތިއުނާފީ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ސަލްޓަންސް އޮފް ދަ ސީސް އިން ދައުތަލަތަށް 110.2 މިލިޔަން ރުފިޔާ ނެގުމަށް ދައުވާ ކުރަނީ އިންވޮއިސް އޮޅުވާލައިގެން ދެ ލޯންޗެއް އެތެރެ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެނެނެވެ.

ދައުވާގައި ބުނެފައި ވަނީ މީގެ ތެރެއިން އެއް ލޯންޗު އެ ކުންފުނިން ގެނެސްފައި ވަނީ، 14 ޑިސެމްބަރު 2007 ގައި ކަމަށެވެ. އަދި ދެވަނަ ލޯންޗް ގެނެސްފައި ވަނީ، 25 މާޗް 2008 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ސަލްޓަންސް އޮފް ދަ ސީސް ގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ، އެ ދެ އުޅަނދު ކަސްޓަމްސް އަށް ޑިކްލެއާކޮށްފައި ވަނީ އެ ދެ އުޅަނދުގެ މައުލޫމާތު އޮޅުވާލައިގެން އޭގެ އަސްލު އަގަށް ވުރެ ދަށް އަގެއް ކަސްޓަމްސް އަށް ހުށަހަޅައިގެން ކަމަށެވެ.

މި މައްސަލައިގައި ސަލްޓަންސް އޮފް ދަ ސީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދައުލަތަށް އެ ފައިސާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް 2010 ވަނަ އަހަރު އޭރު އޮތް މަދަނީ ކޯޓުން ހުކުމްވެސް ކުރިއެވެ. ނަމަވެސް ސަލްޓަންސް އޮފް ދަ ސީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބަލައި މަދަނީ ކޯޓުގެ ހުކުމް ވަނީ 2011 ވަނަ އަހރު ބާތިލު ކޮށްފައެވެ.

ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އެ މައްސަލައިގައި ހައިކޯޓުުން ކުރި ހުކުމް ބާތިލް ކޮށް މަދަނީ ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުން ނިންމަވައިލައްވަމުން ތިން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިމުނީ ކަމަށާއި، ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ.