މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރުކޮށްފި އެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، އޭނާ ހައްޔަރުކުރީ މީގެ ތިން ދުވަސް ކުރިން ޑިންގީއެއްގައި އައްޑޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު އެވެ.

"ބޮންޑާމެން އެދުވަހު މަހަށް ގޮސް ރަށަށް އައިތަނުން، ޑުރަގް އަރުވައިގެން ރަށަށް އަންނަން ފުރި ޑިންގީއެއް ކަނޑުމެދަށް ހުއްޓިގެން ބޮންޑާމެން ކައިރީގަ އެހީއަށް އެދުނީ. ދެން އެ ޑިންގީ ކަފު ޖަހައިގެން ބޮންޑާމެން ރަށަށް މިއައީ. އޭރު އެމީހުންނަކަށް (ބޮންޑާ މެންނަކަށް) ނޭނގެ ޑިންގީގަ ހުރި އެއްޗެއް. އެ މައްސަލައިގައި އޭނާ ހައްޔަރުކުރީ މިއަދު ކޯޓު އަމުރެއްގެ ދަށުން،" ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ބޮންޑާ ހައްޔަރުކުރި އިރު، އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި އެ އޮޕަރޭޝަންގެ މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ. ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އަދި ސައުތް ޕޮލިސް ޑިވިޝަން ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ނަމަވެސް ބޮންޑާ ހައްޔަރުކުރީ ސީދާ މި އޮޕަރޭޝަނާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބޮންޑާ އަމަލީ ގޮތުން ބައިވެރިކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ރަސްމީކޮށް ފުޓުބޯޅަ ކުޅުމާ ދުރުވި ފަހުން ބޮންޑާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ސްޕޯޓްސް ފިޝިންގެ ދާއިރާގަ އެވެ. އަދި އޭނާ ވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.