ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، އެ މީޑިއާތަކުން ކުރާ މަސައްކަތްތަކަށް ނައިބު ރައީސް ފައިސަލް ނަސީމު ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ދަށުން މީޑިއާތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސިއްހީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ މި ބައްޔާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑް ފެތުރުން ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެނަމަ އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް، އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކެމްޕޭންގެ ސްޓިއަރިން ކޮމިޓީގެ ޗެއާޕާސަން އަދި ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ ވަނީ މީޑިއާތަކުގެ ކެމްޕޭނާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، އެ ކެމްޕޭނަށް ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.