އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ސްޓެންފާޑް ބްރިޖުގައި މިއަދު ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 4-0ގެ ނަތީޖާ އަކުންނެވެ. ޗެލްސީއާ މި ސީޒަނަށް އަލަށް ގުޅުނު ބެން ޗިލް ވަނީ މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން އެސިސްޓެއް ވެސް ހަދާ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ ޗެލްސީ ޖާޒީގައި ޗިލްވެލް ކުޅުނު ފުރަތަމަ ލީގު މެޗެވެ. ދެ ހަފްތާ ކުރިން ލީގު ކަޕުގައި ޗެލްސީން ބާންސްލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗިލްވެލް ކުޅުުނު އިރު، އެ މެޗުގައި ވެސް ޗިލްވެލް ވަނީ އެސިސްޓެއް ހަަދައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ވެސް ޑޮމިނޭޓްކޮށް ކުޅުނީ ޗެލްސީންނެވެ. ޕެލެސް އިން ވަރަށް ބޮޑަށް ފަހަތަށް ޖެހި، ޗެލްސީއަށް އެޓޭކް ކުރަން އުނދަގޫކޮށްލާފައި އޮތް އިރު، ޗެލްސީގެ ފަރާތުން ވެސް އެންމެ އުފެއްދުންތެރި ކުޅުމެއް ފެނިފައެއް ނުވެ އެވެ.
ދެވަނަ ހާފުގެ އޮއިވަރު ބަދަލުވީ ޗެލްސީން ހާފްގެ ކުރީކޮޅުގައި ޖެހި ގޯލުންނެވެ. ޕެލެސްގެ ޑިފެންޑަރު ސަކޯއަށް އޭރިއާ ތެރެއިން ބޯޅަ ސާފުކޮށް ނުލެވުމުގެ ބޭނުން ހިފައި ޗެލްސީން އުފެއްދި ހަމަލާ ގޯލަށް ވައްދާލީ ޗިލްވެލް އެވެ. ލެސްޓާ އިން 45 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި ޗިލްވެލް އަށް މިރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.
އެ ގޯލާއެކު މެޗު ވަރަށް ބޮޑަށް ހުޅުވިގެން ދިޔަ އެވެ. ޕެލެސް އިން ކުރިއަށް ޖެހިލި ދަނޑިވަޅުބަލާ ޗެލްސީން އިތުރު ހަމަލާތަކަށް ފުރުސަތު ފަހިކުރި އެވެ. ނަތީޖާއެއްގެ ގޮތުން ޗިލްވެލްގެ ހުރަހަކުން ކާޓް ޒޫމާ ވަނީ ނަތީޖާ ފުޅާކޮށްދީފަ އެވެ. މެޗުގެ ކޯނަރުތައް ވެސް ޗެލްވެލް ނަގާފައިވާ އިރު، އޭނާއަށް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ.
ޗެލްސީގެ ތިންވަނަ އަދި ހަތަރު ވަނަ ގޯލަކީ ޖޯޖީނިއޯގެ ދެ ޕެނެލްޓީ އެވެ. ފުރަތަމަ ޕެނެލްޓީ ހޯދައިދިނީ ޓެމީ އަބްރަހަމް އެވެ. ދެވަނަ ޕެނެލްޓީއަކީ ސަކޯ ކައި ހަވާޓްސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ.
ޗެލްސީން މިއަދުގެ މެޗަށް އާ ގޯލްކީޕަރު އެޑުއާޑޯ މެންޑީ ނެރެފައިވާ އިރު، ތިއާގޯ ސިލްވާ ވަނީ ފުރަތަމަ 11 ގައި ކުޅެން ނުކުމެ، ރަނގަޅު ކުުޅުމެއް ދައްކާޢީފަ އެވެ. އޭގެ އިތުރުން ކޯޗު ލެމްޕާޑަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު، ކްރިސްޓިއަން ޕުލިސިޗް މިއަދުގެ މެޗަށް ނުކުތުމެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ޕުލިސިޗް އާއި ހަކިމް ޒިޔެޗް ފިޓްވާނެ ކަމަށް ބެލެވެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު