ކުޅިވަރު

ލިވަޕޫލްގެ ތަރި މާނޭއަށް ވެސް ކޮވިޑް ޖެހިއްޖެ

ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ސެނެގާލްގެ ސަޑިއޯ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ލިވަޕޫލުން އެކަން ކަށަވަރު ކޮށްދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މިދިޔަ ހަފްތާގައި ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާއަށް ވެސް ކޮވިޑް ޖެހުނުކަން އެ ކުލަބުން ވަނީ އިއުލާންކޮށްފަ އެވެ.

ލިވަޕޫލުން ބުނެފައިވަނީ މާނޭގެ ފަރާތުން ފެންނަނީ ވަރަށް މަދު އަލާމާތްތަކެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މާނޭ މިވަގުތު އަމިއްލައަށް ކަރަންޓީނުގައި ހުރުމުން މި ހަފްތާގައި ލިވަޕޫލް ކުޅޭ މެޗުތަކުން އޭނާ ނުފެންނާނެ އެވެ. އަދި އަލްކަންޓްރާ އާއި މާނޭއަށް ކޮވިޑް ޖެހުމުން ލިވަޕޫލުން މެޗަށް ތައްޔާރުވެފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ލިވަޕޫލްގެ ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވެފައިވާ އިރު، އެ ކުލަބުގެ ކޯޗު ޔާގަން ކްލޮޕް ވަނީ މިހާލަތުގައި އިންޓަނޭޝަނަލް މެޗުތައް ކުޅުވުމާއި ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެންމެފަހުން ޕްރިމިއާ ލީގުން ކޮވިޑަށް ޓެސްޓު ކުރި ބުރުގައި 10 ޕޮޒިޓިވް ކޭސްއެއް ފެނިފައިވެ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް ސިޓީގެ މިޑްފީލްޑަރު އިލްކޭ ގުންޑަގަން އާއި ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮޔެސް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ލީގުގެ އުސޫލު އޮންނަ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިޔާ ބޭނުން ނޫންނަމަ، ނަތީޖާ ސިއްރު ކުރެވިދާނެ އެވެ. އަމިއްލައަށް ހާމަކުރަން ބޭނުން ކުޅުންތެރިންނަށް ހާމަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

"ކޮންމެ ކުޅުންތެރިއެއްގެ ވެސް އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް އެ ކުޅުންތެރިއެއްގެ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ އާންމުކުރުމަކީ. ކަނޑައެޅިފައިވާ ހުރިހާ އުސޫލަކާ އެއްގޮތަށް ލިވަޕޫލުން މިހާރު ވަނީ އަމަލުކޮށްފައި،" ލިވަޕޫލްގެ ޓީމް ޑޮކްޓަރު ޑރ. ޖިމް މޮޒޮން ބުންޏެވެ.

ކޮވިޑުގެ ދެވަނަ ރާޅެއް އިނގިރޭސި ވިލާތަށް އަރާފައިވާއިރު، އިއްޔެ އެކަނި ވެސް އެގައުމުން 7،000 އާ ކޭސް ފެނި، 66 މީހަކު ވަނީ މަރުވެފަ އެވެ.