ކޮވިޑް 19 އާއި ގުޅިގެން ގުރުއާން ކުލާސްތަކާއި ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމަށް ޒަކާތު ފަންޑުން ފައިސާގެ އެހީ ބޭނުންވާ ފަރާތްތައް އެކަމަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ގުރުއާން ކުލާސްތަކާއި ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް ފައިސާގެ އެހީ ހަމަޖައްސާފައި ވަނީ ޒަކާތު ފަންޑުން ކަމަށެވެ. މި އެހީއަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލީ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓުތައް ފުރިހަމައަށް ހުށަހަޅާފައި ނުވާތީ އާއި މިކަމަށް ކުރިމަތިލި ފަރާތްތައް މަދުކަމަށް ފެންނާތީ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން ފައިސާގެ އެހީ ބޭނުންވާ ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކުން އެކަމަށް އެދި މިނިސްޓްރީއަށް މިމަހު އަށެއްގެ ކުރިން ހުށަހަޅާން ވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީގެ މި އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުރީގެ އިއުލާނަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލެއް ނުވާނެއެވެ. ހުރިހާ ލިޔެކިޔުންތައް ހަމަވެފައިވާ މީހުންނަށް އެކަން އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށާއި ލިޔެކިޔުންތައް ހަމަނުވާ މީހުންނަށް ލިޔެކިޔުންތައް ހަމަކުރުމަށް އެދި އީމެއިލްގެ ޒަރިއްޔާއިން އަންގާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. މިއަދު ކުރި އިއުލާނުގައިވާ ސުންގަޑީގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކޮށް އެޕްލިކޭޝަން ހުށަހެޅިފައިވާކަން ޔަގީން ކުރުމަކީ އެޕްލިކޭޝަން ހުށަހެޅި މީހެއްގެ ޒިންމާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
"ޕްރީސްކޫލުތަކާއި ގުރުއާން ކުލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލު" ގައި ކޮވިޑާއި ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަަމަޖެހިިފައިވާ ފަރާތްތަކާއި އެފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް އަދި ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ފައިސާގެ އެހީއަށް އެދި ހުށަހެޅުމަށް ފުރަން ޖެހޭ ފޯމު http://www.moe.gov.mv/ އިން ލިބޭނެ ކަމަށް ބުނެފައެވެ. މި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު އަށެއްވާ ބުރާސްފަތި ދުވަހުގެ 12:00 ކަމަށް މިނިސްޓްރީން ބުނެއެވެ. މި ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ސޮފްޓް އަދި ޕީޑީއެފް ފޯމެޓަށް ފޮނުވަން ޖެހޭނީ މިނިސްޓްރީގެ މެއިލް، [email protected] އަށް ކަމަށް އެޑިއުކޭޝަަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ