ހުރިހާ ރައްޔިތުންވެސް އަނިޔާއާ ދުރުވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސްކުރައްވައިފިއެވެ.

ސީޕީ ހަމީދު މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އަނިޔާއާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ދެ މިނެޓުގެ ވީޑިއޯގެ މެސެޖުގައި ކޮމިޝަނަރު ހަމީދު ވިދާޅުވީ، ރާއްޖެއިން ވެސް އަނިޔާވެރި ކުށްތަކަށް އަރައިގަންނަ މަންޒަރު ފެންނަ ކަމަށާއި އަނިޔާވެރި ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އެޅުމުގައި މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން އަމަލުކުރުމަށް ފުލުހުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ހިމެނޭ ފަރާތްތަކުގެ ތެރެއިންވެސް ކުށްތަކަށް އަރައިގަންނަ، ބައެއް ފަހަރު ވަޔަލަންސް ބޭނުންކުރާ ފަރާތްތަކާ މެދު ފުލުހުން ފިޔަވަޅު އެޅުމުގައިވެސް އެ އޮންނަ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން، ހާއްސަކޮށް ފޯސް ޔޫސް ކުރުމުގައި، އެ އަމަލު ކުރަން ޖެހޭ މިންގަނޑާތަކާ އެއްގޮތަށް އަމަލުކުރުން އެއީ އަޅުގަނޑު ކުރާ އިލްތިމާސެއް،" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ފުލުހުންގެ ވެރިއެއްގެ ހައިސިއްޔަތުން އޭނާގެ އިލްތިމާސަކީ އެންމެންވެސް އަނިޔާއާ ދުރުވުން ކަމަށެވެ. އަދި ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް އެންމެންވެސް މަސައްކަތްކޮށްދިނުން ކަމަށެވެ.