ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނު 17 އަހަރުގެ ފިރިހެން ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ ދާންދޫގައި ދެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު ރޭ 11:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މާރާމާރީއާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ފަރުވާ ދިނުމަށް ގއ. ވިލިނގިލީ ހޮސްޕިޓަލަށް ރޭ ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކުއްޖާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭނެތިފައެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ކުއްޖާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފައެވެ. އަދި އެ ކުއްޖާ މިހާރު ހޭ އަރާފައިވީ ނަމަވެސް ހާލު އަދިވެސް ގޯހެވެ. އެނގިފައިވާ ގޮތުގައި، އެކުއްޖާގެ ކަރަށާއި ބޮލުގެ އިތުރުން އަތާއި ގައިގެ އެތައްމިތަނަށް ހަމަލާ ދީފައިވެއެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީއަކީ ދާންދޫގެ ދެ ގްރޫޕެއްގައި ހިމެނޭ ކުޑަކުދިންގެ މެދުގައި ހިނގި ހަމަނުޖެމެއްގެ ތެރެއަށް އެ ދެ ގްރޫޕަށް ނިސްބަތްވާ ބޮޑެތި މީހުން ވަދެ ހިންގި މާރާމާރީއެކެވެ. އެ މާރާމާރީ ހިންގާފައިވަނީ އެރަށުގެ ހޮޓަލެއްގެ ތެރޭގައެވެ.
ފުރަތަމަ މާރާމާރީއަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައިވެސް އެރަށުގައި މާރާމާރީއެއް ހިންގާފައިވެއެވެ. ނަމަވެސް އެ މާރާމާރީގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ދާންދޫގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު