ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގުތިސާދު ބަރޯސާވެފައި އޮތުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގެ ހޮރަސިސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި "ޕޮޓެންޝަލް ފޮރ ސައުތު އޭޝިއާ"، މައުޟޫއުގެ ދަށުން ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑާ ގުޅިގެން ގައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެ ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ކުރިއާލައި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރާއްޖޭގެ އިގުތިސާދަށް ކޮވިޑާ ގުޅިގެން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގުތިސާދު ބަރޯސާވެފައި އޮތުމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާ ކަމަށާއި އެ ޕްލޭންތަކުގެ ތެރޭގައި އިގުތިސާދު ޑައިވާސިފައިކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ އަވަށްޓެރި ގައުމުތަކުން މާލީ އެހީއާއި ލޯނު އަދި ތަކެތީގެ އެހީ ފޯރުކޮށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެގައުމަކަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ނޭޕާލުގެ ހާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަރިއާރް އާލަމް އާއި، އިންޑިއާގެ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ.ކޭ ސިންހް ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއާމަން ބިނޯދް ޗައުދަރީއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ، ސާކްގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވައިފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެއާއެކު އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިޑް ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ގާއިމުކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑިރެކްޓަރު ފްރޭންކް ޖާގަން ރިކްޓާއެވެ. އދ. ގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު