އޭއެފްސީ ބީ ލައިސަންސް ކޯޗުން ތަމްރީނު ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެއްޖެއެވެ.
އިއްޔެ އެފްއޭއެމްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭއެފްސީ ބީ ލައިސަންސް ކޯޗުން ތަމްރީނު ކުރުމުގެ ފުރުސަތު ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިފައިވާ ކަމަށެވެ. އެ ފުރުސަތު ލިބުނު ދެ އިންސްޓްރަކްޓަރުންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) އެވެ.
ޝާޒްލީއަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކުރި ފުރަތަމަ ދިވެހި ކޯޗެވެ. ޑުންގާގެ އަތުގައި އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް ވެސް އޮވެއެވެ.
ޝާޒް ފާހަގަކޮށްލެވެނީ ޒުވާން ކުޅުންތެރިން ބިނާކޮށް، ރަނގަޅު ނަތީޖާތަކެއް ނެރޭ ކޯޗެއްގެ ގޮތުގައެވެ. ފުރަތަމަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފައިވާ ޝާޒްލީ ވަނީ ދާދި ފަހުން ސާފް 19 އަހަރުންދަށުގެ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ގެނެސްދީފައެވެ. އޭގެ އިތުރުން އެފްއޭއެމުން ހިންގަމުންދާ ކޯޗުން ތަމްރީނު ކުރުމުގެ އެކިއެކި މަސައްކަތްތަކުގައިވެސް ޝާޒް ފާހަގަކޮށްލެވިފައިވެއެވެ.
ކުރީގެ ކުޅުންތެރިޔާ ޑުންގާގެ އެކަޑެމީއެއް މިހާރުވެސް އައްޑޫގައި ހިންގަމުން އަންނަ އިރު، އޭނާއަކީ އެފްއޭއެމްގެ ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ކޯޗެވެ. ހާއްސަކޮށް އެކިއެކި ރަށްރަށުގައި ގްރާސް ރޫޓް ޕްރޮގްރާމުތައް ހިންގުމަށްވެސް ޑުންގާ ވަނީ ހަރަކާތްތެރިވެފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ