ހއ. ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ނެތުމުން އެއަތޮޅުގެ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ހުސައިން "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އެއާޕޯޓުގައި ޖެޓީއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން އެ އަތޮޅުގެ 12 ރަށެއްގެ ކައުންސިލުން ރައީސް ސޯލިހާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަތޮޅު ކައުންސިލުންވެސް ވާނެ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި. ނަމަވެސް އަދި ވަކި ޖަވާބެއް އަޅުގަނޑުމެންނަކަށް ނުލިބޭ." އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ، ހއ އަތޮޅުގެ ރައްޔިތުން ބޭނުންވަނީ ހޯރަފުށީގައި ހަދާ އެއާޕޯޓަކީ އަތޮޅުގެ ރައްޔިތުންނަށް ތަކުލީފަކާއި ނުލައި ބޭނުން ކުރެވޭނެ އެއާޕޯޓަކަށް ވުން ކަމަށާއި، ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވަނީ ވެސް އެގޮތަށް ކަމަށެވެ.

"މިހާރު މި އޮންނަ ގޮތުން މިޖެހެނީ ހޯރަފުށްޓަށް ގޮސް ވެހިކަލެއް ނަގައިގެން އެއާޕޯޓަށް ދާން. އެއީވެސް ރައްޔިތުން އުފުލަން ޖެހޭ ބުރައެއް" އަބްދުﷲ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.