އިންޑިއާގައި 63 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގައުމީ ފެންވަރެއްގައި އިންޑިއާގައި ކޮށްފައިވާ މިދިރާސާގައި ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ސާމްޕަލް ނަގައި ތަހުލީލު ކޮށްފައެވެ. މި އެންމެންގެ ވެސް ކޮށްފައިވަނީ އެންޓި ބޮޑީ ޓެސްޓުކަމަށް އޮފިޝަލުން ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ކުރި މިދިރާސާގައި އޮގަސްޓް މަހުގެ މެދުތެރެއިން ފެށިގެން މިދިޔަ މަހުގެ މެދުތެރެއާ ދެމެދު އެގައުމުގެ 700 ވިލެޖެއްގައި މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިފައި ވެއެވެ.

މިސާވޭ ކުރުމަށް ވަނީ އެކި ސަރަހައްދުތަކުން އުމުރުން 10 އަހަރަށްވުރެ މަތީ ކޮންމެ 15 މީހެއްގެ ތެރެއިން އެކެއްގެ ސާމްޕަލް ނަގައިފައެވެ. ކައުންސިލް އޮފް މެޑިކަލް ރިސާޗުން ވަނީ އެގައުމުގެ އާބާދީގެ 966 މިލިއަން މީހުންނަކީ އުމުރުން 10 އަހަރު ނުވަތަ އެއަށްވުރެ ދޮށީ މީހުން ކަމަށާއި ކޮންމެ 15 މީހެއްގެ ތެރެއިން އެކެއްގެ ގައިން ކޮވިޑް ފެނުން މިއީ އެގައުމުގެ 63.78 މިލިއަން މީހުންގެ ގައިގައި އެބަލީގެ އަސަރު ހުރުން ކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އިންޑިއާގައި ހަލުވިކޮށް ކޮވިޑް ފެތުރެމުންދާއިރު އެގައުމުން ކޮވިޑް ޖެހިފައިވާ 6.3 މިލިއަން މީހުން ރެކޯޑު ކުރެވިފައި ވެއެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ ލައްކައަކާ ކައިރިކޮށްފައެވެ.