ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވީ، ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރު ވާންގް ޔީއަށް މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި މިނިސްޓަރު ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 71 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި މުޅި ދުނިޔޭގެ ކުރިއެރުމާއި ތަރައްގީއަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން "ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވަމުން، މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ އެކުވެރި ގުޅުން ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ ގައުމީ ދުވަހުގެ އިތުރުން މިއަދު ފާހަގަކުރާ ނައިޖީރިއާ، ސައިޕްރަސް، ޕަލާއޯ އަދި ޓުވާލޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެގައުމުތަކުގެ ހާރިޖީ ވަޒީރުންނަށްވެސް މިނިސްޓަރު ޝާހިދު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ އިރު، މި ސަރުކާރުން އަންނަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އެގައުމުން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއްވެސް ވެފައެވެ. ކުރީ ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދަހިކުރި ނަމަވެސް މި ސަރުކާރު އައި ފަހުން އެ ގުޅުން ވަނީ ހީނަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު