މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފި އެވެ. މިއީ މި ސަރުކާރުގައި އެ ގަވާއިދަށް އިސްލާހު ގެނައި ދެވަނަ ފަހަރެވެ.
ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން އެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލް އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓާ ޖެނެރަލް އޮފީސް ހިމެނޭ ގޮތަށް އެކުލެވުނު ކޮމެޓީއަކުންނެވެ.
މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ގަވާއިދުގެ 10.27 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކެވެ. މި މާއްދާއަކީ އުވާލަން މިހާރު އޮތް އޭސީސީން ދެ ފަހަރެއްގެ މަތިން އެދިފައިވާ މާއްދާއެކެވެ.
މާލިއްޔަތު ގަވާއިދު ފުރަތަމަ އާންމުކުރި އިރު އެ ގަވާއިދުގެ 10.27 ގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑް ކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެ ކަމަށެވެ.
ނަމަވެސް މަސައްކަތެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ ނެޝަނަލް ޓެންޑަރު ބޯޑަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށް ބުނެފައިވެ އެވެ. އެ މާއްދާ ބަދަލުކޮށް، މިއަދު ގެޒެޓުކުރި އިސްލާހުގައި ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާތަކަށް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް އޮތް ގޮތް ވަނީ ބަދަލުކޮށްފަ އެވެ.
- ގެޒެޓްކުރި އިސްލާހުގައި ބުނެފައިވާ ގޮތުގައި، މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް ދައުލަތުގެ ފަރާތުން ބިޑު ކުރުމަކާ ނުލައި ހަވާލުކުރެވޭނެ ގޮތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
- 1. ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް، އާއްމުކޮށް ބީލަމަށް ހުޅުވާ ނުލައި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެ އެވެ.
- 2. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.
- 3. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނުވާނެ އެވެ.
- 4. މި މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެ ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް މި ގަވާއިދުގެ 10.09ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވާނެ އެވެ.
- 5. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ފަރާތެއް ކަން ކަށަވަރުކުރަންވާނެ އެވެ.
- 6. މި މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ އިތުރު ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެ އެވެ.
- 7. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅާން ވާނީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10.09ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.
ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެޑްވަންސް ފައިސާ ދިނުމާ ގުޅޭ 10.67 ވަނަ މާއްދާއަށް ވެސް ވަނީ ބައެއް އިސްލާހު ގެނެސްފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރު އިސްލާހުކޮށް އެ މާއްދާއަށް (ރ)ގެ ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން އެ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގައި ކުރިން ބުނެފައި އޮންނަނީ އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ހިދުމަތެއް ހޯދަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ ނިސްބަތުން ކެނޑުމަށެވެ.
އެ ނަންބަރަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދެވިފައިވާ ނިސްބަތަށްވުރެ މަދުނުވާނެހެން ކެނޑުމަށެވެ.
އެ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ މަސައްކަތް ކޮށްދޭ ފަރާތަށް ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުވައިދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގްރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހޯދާ އެޑްވާންސް ޕޭމަންޓް ގެރެންތީ ވާންޖެހޭނީ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން އެކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށް ކަމަށް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު