ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒު މުސާރަ ލިބޭ ގޮތަށް އެއް މަހަށް ސަސްޕެންޑްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގުކުރުމަށްޓަކައި އެ މިނިސްޓްރީގެ ޕީއެސް، ފަޔާޒް މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް މަސައްކަތަށް ނުކުތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސީއެސްސީން ބުނީ ފަޔާޒް ސަސްޕެންޑްކުރީ ސިވިސް ސާވިސްގެ ގަވައިދުގެ 258 ވަނަ މާއްދާގެ (ނ)ގެ އެއް ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސް ކަމަށް ފަޔާޒް އައްޔަނުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ފަޔާޒް ސަސްޕެންޑްކުރި އިރު، މިމަހުގެ 17 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.