ރިޕޯޓް

ވެލާ ނުކާން ވީ ސަބަބު މިއޮތީ

އަހުމަދު ސާއިލް އަލީ

8

އަތޮޅުތެރެއަށް ގޮސް އުޅޭއިރު ވެސް އަދި މާލޭގައި ވެސް ވަރަށް ހާއްސަ ކެއުމަކަށް ދައުވަތު ލިބިއްޖެ ނަމަ އިތުރަށް ބަލާނެ ކަމެއް ނެތެވެ. އެ ގުޅަނީ ވެލާ މަސް ހަދާފަ އެވެ. ހަގީގަތަކީ އެއީ ގިނަ ދިވެހިން ލޯބި ކުރާ ކަމެކެވެ. ވެލާގެ މަސް ކެއުމަކީ އެއްވެސް މައްސަލައެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. އެ ކެއުން ކާން ދެކޮޅު ހެދުމާއެކު އެ ބަހުސް ވަރަށް ގަދަޔަށް ކުރަން ޖެހެ އެވެ. އެ މީހުން އާއްމުކޮށް ދޭ ޖަވާބަކީ އެއީ ﷲ ދެއްވާފައިވާ ރިޒުގެއް ކަމާއި އެ ކެއުން މަނާ ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނުން މަނާކޮށްފައި ވީނަމަވެސް ވެލާ ހިފައި ކެއުމަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ވެލާ ހިފުމާއި އޭގެ ބިސް ކެއުން އާއްމު ވެފައިވާ މިންވަރަށް ބަލާއިރު އަދަބެއް ނުލިބެ އެވެ. އެންމެ އާއްމު މީހެކޭ އެއްގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ވެސް އެކަން ކުރެ އެވެ. އެއީ ކުށެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ދުނިޔެއިން ނެތިގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ އެކި މަޝްރޫތަކުގެ ސަބަބުން އެ އެއްޗެހި ބިސް އަޅައި އާލާ ކުރާ ތަންތަން ވަނީ މަދުވެފަ އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެނެވެ. ވެލާ އާއްމުކޮށް އަރާ އެތައް ރަށެއް ވަނީ ރިސޯޓްތަކަށް ނުވަތަ އެއާޕޯޓްތަކަށް ބަދަލުކޮށްފަ އެވެ. މަސްވެރިކަމަށް ކަނޑުގައި އަޅާ ދަލުގައި އޮޅިގެން ވެސް އެތައް ވެލައެއް މަރުވެގެން ދަނީ އެވެ. އެކަން އެގޮތަށް އޮއްވައި އުޅޭ މަދު ވެލާ ކޮޅު ހިފައި ކާން ވެއްޖެ ނަމަ އިތުރަށް ނުރައްކާވެ އެވެ. އަދި އެތަކެތީގެ ބިސް ނަގައިގެން ކާ ނަމަ އެތަކެތި އާލާ ވުމަށް ހުރަސް އެޅެ އެވެ. ގުދުރަތުން ކޮންމެ އުފެދުމެއް ވެސް ލައްވާފައި ވަނީ އެތަކެތި އަނެކެއްޗާ ގުޅި ލާމެހޭ ގޮތަށެވެ. އެކަތި ނެތި ދިޔަސް އެހެން ތަކެއްޗަށް އޭގެ އަސަރު ކުރާނެ ގޮތަށެވެ.

ސައިންސްވެރިންގެ ދިރާސާތައް ބުނާ ގޮތުން ވެލާގެ ސަބަބުން މޫދުވިނަތައް ހެދޭ ސަރަހައްދާއި މުރަކަ ފަރުތައް ދުޅަހެޔޮކޮށް ބަހައްޓައިދީ، ކަނޑުގެ އެކޯސިސްޓަމްގެ ދިރުމަށް މުހިންމު ދައުރެއް އަދާކޮށްދެ އެވެ. އެގޮތުން މި މޫދުވިނަތަކާއި މުރަކަ ފަރުތައް ދުޅަހެޔޮކޮށް ބަހައްޓައިދިނުމުން ކަނޑުގެ އެހެނިހެން ދިރުންތައް އެ ސަރަހައްދުގައި އިތުރުވެ، މެރިން ފުޑް ވެބަށް ހަމަހަމަކަމެއް ގެނެސްދެ އެވެ. އެހެން ކަމުން ވެލާ ނެތިގެން ގޮސްފި ނަމަ ފަރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ފަރުތަކަށް ނޭދެވޭ އަސަރު ކުރާ ނަމަ އެހެން ދިރުންތަކަށް އޭގެ އަސަރު ކުރާނެ އެވެ. ބޮޑު މަންޒަރަކީ އެއީ އެވެ.

ތަޖުރިބާކާރެއްގެ ހޫނު ރައްދު

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އައިސްފައިވާ ތަރައްގީއާއެކު ވެލައާއި ކަހަނބު ފަދަ ތަކެތި އާލާ ވެ، އިތުރުވުމަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ. އެއީ އެތަކެތި ބިސް އަޅާ ގިނަ މާހައުލުތައް ނެތިގެން ގޮސްފައިވާތީ އެވެ.

"ގެސްޓް ހައުސް ހެދުމާއި ރިސޯޓް ހެދުމާއި ބޭރު ތޮށިލުން ފަދަ ކަންކަމާ ހެދި ވެލާ އަރައި ބިސް އަޅާނެ ތަންތަން މިވަނީ މަދު ވެފަ. އެހެންވީމަ މިހާރު ހުރި ވެލާތައް ނުކައި ހިމާޔަތް ކޮށްގެން އެ އެއްޗެހީގެ ދިރުން ދެމެހެއްޓޭނީ،" ތިމާވެށީގެ ތަޖުރިބާކާރު ނައީމް ވިދާޅުވި އެވެ.

އާއްމުން ކުރާ ސުވާލަކީ ވެލާ އެވަރުން ހިމާޔަތް ކުރަން ޖެހެނީ ކީއްވެގެން ތޯ އެވެ؟ ނައީމު އެކަމަށް ދެއްވާ ޖަވާބަކީ މިއީ އެވެ. ވެލަޔަކީ އިންސާނުން ދުނިޔެއަށް އައުމުގެ މާކުރިން ދުނިޔޭގައި އުޅޭ އިންސާނުންނަށް ވުރެ އޭގެ ނަސްލުގެ އުމުރު ދިގު ބާވަތެކެވެ. އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން އޭގެ ނަސްލު ނެތި ދާނެ ކަމުގެ ބިރު މިވަނީ ހީވެފަ އެވެ. އެހެން ކަމުން މިހާރު ވެލާ ހިމާޔަތް ނުކުރެވިއްޖެ ނަމަ ދެން އަންނަން އޮތް ޖީލުތަކާ ހަމައަށް އޭގެ ދިރުން ދެމިއޮންނާނެ ކަމާމެދު ސުވާލު އުފެދުމަކީ ވެލާ ހިމާޔަތް ކުރަން ޖެހޭ ސަބަބު ކަމަށް ނައީމް ވިދާޅުވި އެވެ.

ވެލަޔަކީ މާތްﷲ ދެއްވާފައިވާ ރިޒުގެއް ކަމާއި ވެލާ ކެއުން މަނާ ނުކުރެވޭނެ ކަމަށް އާންމުން ދައްކާ ވާހަކައަށް ވެސް ނައީމު ހޫނު ރައްދެއް ދެއްވި އެވެ.

"މާތް ﷲ އަންގަވާފައި ވަނީ ނިއުމަތްތަކަށް ޝުކުރު ވެރިވުމަށް. ނޫނީ އެ ނިއުމަތްތައް ގެއްލިދާނެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެތައް ދިރުމެއް ވަނީ ނެތިގެން ގޮސްފައި. އެހެންކަމުން އެ އެއްޗެއް ނެތި ދިއުމުގެ ކުރިން ހިމާޔަތް ކުރަން ޖެހޭ. ވެލާ ވެސް ހިމާޔަތް ކުރަން ޖެހެނީ އެހެންވެ،" ނައީމް ވިދާޅުވި އެވެ.

"ވެލާ މުޅި ދުނިޔެއިން ވެސް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އެތަކެތި ހިފައިގެން ކެއުމަކީ ވަރަށް ދެރަ ކަމެއް. އަދި އޭގެ ބިސް ނަގައިގެން ކެއުމަކީ ވެސް ވަރަށް ދެރަ ކަމެއް. އެއީ އޭގެ ނަސްލު ނެތިދާނެ ކަންކަން. އަންނަން އޮތް ޖީލުތަކާ ހަމައަށް އޭގެ ދިރުން ގެންދަން ޖެހޭ."

ނައީމް ވިދާޅުވި ގޮތުގައި ވެލާ މަހާއި ވެލާ ބިސް ކާން ޖެހޭ ސަބަބެއް ވެސް ނެތެވެ. މީރު ކެއުމަކަށް ނަމަ ގެރި މަހާއި ކުކުޅު މަހުގެ އިތުރުން އެހެން ޖަނަވާރުތަކުގެ މަސް ވެސް ލިބެން ހުރިއިރު ހިމާޔަތް ކޮށްފައިވާ ވެލާ މަރައިގެން ކާން ޖެހޭ ސަބަބެއް ނެތް ކަމަށް ނައީމް ވިދާޅުވި އެވެ. އަދި ކުކުޅު ބިހާއި އެހެން ދޫނިތަކުގެ ބިސް ރާއްޖޭގެ މާކެޓުން އަގު ހެޔޮކޮށް ލިބެން ހުރިއިރު ވެލާ ބިސް ނަގައިގެން އެ ކާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ނައީމް ވިދާޅުވި އެވެ.

ވެލަ އާއި ކަހަނބަކީ ކުރިން ވެސް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދެ ބާވަތެވެ. އަދި 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތް ކޮށްފަ އެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ ވެލާ ކަހަނބުގެ ބާވަތްތަކުގެ ތެރޭގައި އާއްމުކޮށް ފެންނަ ވެލަ އާއި ކަހަނބުގެ އިތުރުން ވާވޮށި ވެލަ އާއި ބޯބޮޑު ވެލަ އާއި މުސިންބި ހިމެނެ އެވެ.

އެހެންކަމުން އެތަކެތި ހިފުމާއި އެތަކެތީގެ ބިސް ނެގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބެއްގެ ގޮތުން ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ވެލާގެ ދިރުންތައް ހިމާޔަތް ކުރުމުގެ ގޮތުން ބ. އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރު ފަދަ ރިސޯޓްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ރިސޯޓްގައި ވެލަޔަށް ފަރުވާ ދޭން ތަންތަން ހަދައި ބޮޑެތި ހަރަދުތައް އަންނަނީ ކުރަމުންނެވެ. ދަލުގައި އޮޅި ބޮޑެތި އަނިޔާތައް ވެފައިވާ ވެލާތައް ރާއްޖޭން ބޭރަށް ގެންގޮސްގެން ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އެއަށް ފަހު އަނބުރާ ރާއްޖެ ގެނެސް ދޫކޮށް ލުމުން އެތަކެތި ހިފައިގެން ކާން ވެއްޖެ ނަމަ އެކުރާ މަސައްކަތް އެދަނީ ފެނަށެވެ. އާއިލާ ނުވަތަ ރައްޓެހިން އެކުގައި ތިބެ ކެއުމަށް އިންސާފު ކުރާއިރު މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.