މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

މިފްކޯ އިން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް ޑީސަލްގެ އަގަށް ބަދަލު ގެނެސްފަ އެވެ. އެ ފަހަރު 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރަކުން 1 ރުފިޔާ 32 ލާރި ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން މިއަދާ ހަމައަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 7 ރުފިޔާ 33 ލާރިއަށެވެ.

މިފްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން 7 ރުފިޔާ 33 ލާރިއަށް ވިއްކަމުން ދިޔަ ޑީސަލް ލިޓަރެއްގެ އަގު ވަނީ 6 ރުފިޔާ 89 ލާރިއަށް ހެޔޮކޮށްފަ އެވެ. މިއީ 44 ލާރީގެ ހެޔޮވުމެކެވެ.

އޭގެ އިތުރުން މަސްދޯނިފަހަރުގެ ތެލުގެ ޑިއުޓީ އިނާޔަތުގެ ތެރެއިން ލީޓަރަކުން އިތުރު 22 ލާރި ހެޔޮވާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ. އޭރުން ޑީސަލް ލިޓަރެއް ލިބޭނީ 6 ރުފިޔާ 67 ލާރިއަށެވެ.

ޑިއުޓީ މައާފުކޮށްފައިވާ، ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ފަށާފައިވާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ. އަދި މިފްކޯ އިން ވަނީ އެ ޕްރޮގްރާމްގެ ސަޕްލަޔަރުންގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސޮއިކޮށްފަ އެވެ.