އިނގިރޭސި ލީގު ކަޕްގެ ގަދަ 16ގައި ބްރައިޓަން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ބްރައިޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގޯލްތައް ޖަހައިދިނީ ސްކޮޓް މެކްޓޮމިނީގެ އިތުރުން ހުއާން މަޓާ އަދި ޕައުލް ޕޮގްބާއެވެ. ރޭގެ މެޗުގައި މަޓާ ޖެހި ގޯލަކީ މި ސީޒަނަށް ޔުނައިޓާ ގުޅުނު ޑޮނީ ވެންޑަބީކްގެ "ބެކްހީލް" އެސިސްޓެކެވެ.

މެޗަށް ފަހު މަޓާ ވަނީ ވެންޑަބީކްގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"ވަރަށް ވަރަށް ތޫނުފުލި ކުޅުންތެރިއެއް ވެންޑަބީކަކީ. ވެންޑަބީކާއެކު ކުޅޭ ހިތްވާ ސަބަބަކީ ހަނި ދޭތެރެތަކަށް ޕާސް ޖަހައި، ކުދި ވަންޓޫ ޕާސްތައް ޖަހަން ފަސޭހަވާތީ. ވެންޑަބީކަކީ މޫވްމެންޓްވެސް ވަރަށް ރަނގަޅު ކުޅުންތެރިއެއް،" މަޓާ ބުނެފައި ވެއެވެ.

ޔުނައިޓެޑުން 49 މިލިއަން ޕައުންޑަށް އަޔެކްސްއިން ގެނައި މިޑްފީލްޑަރު ވަނީ އޭނާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލެސް ކޮޅަށް ގޯލްވެސް ޖަހާފައެވެ. އެމެޗުން ޔުނައިޓެޑް ބަލިވި ނަމަވެސް މިދިޔަ ހަފްތާގައި ކުޅުނު މެޗުން އެޓީމް ވަނީ ލީގުގައި ބްރައިޓަން އަތުން މޮޅުވެފައެވެ. ފަހު ސިކުންތު ލިބުނު ޕެނެލްޓީއަކުން ޔުނައިޓެޑް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށްފަހު މަޓާ އިތުރަށް ބުނީ ފިޒިކަލީ އަދި މެންޓަލީވެސް އޭނާ ހުރީ ފިޓްކޮށް ކަމަށާއި، ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ތަށި ހޯދައިދިނުމަކީ މި ސީޒަންގެ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

ލީގު ކަޕްގެ ގަދަ 16ގައި މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އެޓީމުން ބާންލީ ބަލިކޮށްފައިވާއިރު، އެވަޓަންއިންވެސް ވަނީ ފަސޭހަ މޮޅަކާއެކު ކުއާޓާއަށް ދަތުރު ކޮށްފައެވެ. އެވަޓަންއިން ކުޅުނު މެޗުގައި ޑޮމިނިކް ކަލްވާޓް ލެވިން ހެޓްރިކް ހަދާފައިވާއިރު، އެވަޓަންއިން ވެސްޓްހަމް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. ސިޓީން ކުޅުނު މެޗުގައި ރަހީމް ސްޓާލިން ދެ ގޯލް، އަދި ސިޓީއާ އަލަށް ގުޅުނު ފެރަން ޓޮރެސް ގެ ގޯލެއް ފެނިގެން ދިޔައެވެ.