ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށް، ބަޔާން މިއުނިކުން މި އަހަރު ތެރޭގައި ފަސްވަނަ ތަށި އުފުލާލައިފިއެވެ.

މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޖަރުމަން ލީގު އަދި ޔޫއެފާ ސުޕަ ކަޕްވެސް ބަޔާންއިން ވަނީ ކާމިޔާބު ކޮށްފައެވެ. މިއީ ބަޔާންއަށް ފުރިހަމަ ސީޒަނެކެވެ. މިދިޔަ ހަފްތާގައި ބަޔާންއިން ލީގުގައި ކުޅުނު މެޗުގައި ހޮފެންހެއިމް އަތުން ބަލިވި ބަލިވުމަކީ 32 މެޗަށްފަހު އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އެ މެޗުން ބަލިވި ނަމަވެސް ބަޔާންއަކީ މިވަގުތު މުޅި ޔޫރަޕްގައިވެސް އޮތް އެންމެ ވަރުގަދަ ޓީމެވެ.

ރޭ ކުޅުނު ޖަރުމަން ސުޕަ ކަޕްގެ މެޗުގައި ބަޔާންއިން ލީޑު ނެގީ ކޮރެންޓަން ޓޮލީސޯގެ ގޯލުންނެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ބަޔާންއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ތޯމަސް މުލާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރަންޓްގެ ގޯލުން ޑޯޓުމަންޑް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅުގައި ހާލަންޑްގެ ގޯލުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.

ބަޔާންއިން ވަރުގަދައަށް ކުޅުނު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ސުޕަ ކަޕް ޔަގީން ކޮށްދިނީ ޖޯޝުއާ ކިމިޗް ޖެހި ގޯލުންނެވެ.

ރޭގެ މެޗު ބަޔާންގެ މުލާއަށް އެތައް ގޮތަކުން ހާއްސައެވެ. ބަޔާންގެ އިތުރުން ޖަރުމަނު ގައުމީ ޓީމާއެކު މުލާ 27 ތަށި ހޯދާފައިވާއިރު، އެއީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހުގެ ރެކޯޑެވެ. ކެރިއަރުގައި މުލާ ހޯދި 27 ވަނަ ތަށްޓާއެކު އޭނާ ވަނީ ޖަރުމުގެ ތާރީހު ދުށް އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. ޖަރުމަނުގެ ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކުރި އުމުރުން 31 އަހަރުގެ މުލާ ވަނީ މިހާތަނަށް ބަޔާންއާ އެކު ނުވަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށް، ހަ ފަހަރަށް ޖަރުމަނު ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، ދެފަހަރަށް ޗެމްޕިއަންސް ލީގު އަދި އެއްފަހަރު ކްލަބު ވޯލްޑް ކަޕުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ޖަރުމަނު ސުޕަ ކަޕް ހަ ފަހަރަށް، ޔޫއެފާ ސުޕަ ކަޕް ދެފަހަރު މުލާ ވަނީ ކާމިޔާބު ކޮށްފައެވެ.

މިދިޔަ ހަފުތާގައި ބަޔާންއިން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައިވާއިރު، އެ ތަށްޓަކީ މުލާގެ 26 ވަނަ ތަށްޓެވެ. 26 ތަށްޓާއެކު މުލާ ވަނީ ކުރިން ރެކޯޑު އޮތް ބަސްޓިއަން ޝުވައިންސްޓައިގާގެ ރެކޯޑާ ހަމަކޮށްފައެވެ.

އެންމެ ހަލުވި ނޫން ނަމަވެސް އަބަދުވެސް ދަނޑުމަތީގައި ބުރަކޮށް މަސައްކަތް ކުރާ މުލާއަކީ ގިނަ ޕަންޑިތުންގެ ނަޒަރުގައި އެންމެ ވިސްނުން ތޫނު އެއް ފޯވަޑެވެ. ހާއްސަކޮށް އަބަދުވެސް ރަނގަޅު ދަނޑިވަޅަށް ސަމާލުވެ ހުންނަ، ފުޓުބޯޅަ އެންމެ ރަނގަޅަށް އެނގޭ އެއް ފޯވަޑުގެ ގޮތުގައި މުލާ ފާހަގަވެފައި ވެއެވެ. މުހިއްމު މެޗުތަކުގައި ޖަރުމަނާއި ބަޔާންއަށްވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުލާ ހޯދުމަށް ކުރިން ޔޫރަޕްގެ ވަރުގަދަ ބާރުތަކުން ވަނީ މަސައްކަތްވެސް ކޮށްފައެވެ.