މެންޗެސްޓާ ޔުނައިޓެޑް ފަދަ ވަރުގަދަ ކްލަބެއްގައި ސްޕޯޓިން ޑިރެކްޓަރަކު ނެތި ޓްރާންސްފާ ކަންކަން ނިންމަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސެވިއްޔާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ބުނެފިއެވެ.
މޮންޗީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސްޕޯޓިން ޑިރެކްޓަރެކެވެ. ކުރިން ޔުނައިޓެޑްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް މޮންޗީ ގެންދަން މަސައްކަތް ކުރި ކަމަށް މީޑިއާގައި ހަބަރުތައްވެސް ފެތުރިފައިވާއިރު، އޭނާ ބުނެފައި ވަނީ ފުޓުބޯޅައިގެ ގުޅުންތައް ހަރުދަނާ ކުރުމަށް މި ޒަމާނުގައި ކޮންމެ ކްލަބެއްގެވެސް ސްޕޯޓިން ޑިރެކްޓަރެއް ހުރުން މުހިއްމު ކަމަށެވެ.
"މަގޭ ހިޔާލަކީ ކޮންމެ ކްލަބެއްގައިވެސް ސްޕޯޓިން ޑިރެކްޓަރެއް ހުންނަން ޖެހޭނޭ. އެ ރޯލުގެ މައިގަނޑު މަސައްކަތަކީ ކުޅިވަރުގެ ލެވެލްގައި ކްލަބު ކަންކަމަށް ވަގުތު ދޭނެ މީހެއް ހުރުން. ކްލަބެއްގެ 60-70 ޕަސެންޓް ފައިސާ މި ހަރަދުކުރަނީ ސީނިއާ ޓީމަށް. އެ ފައިސާ ހަރަދުކުރާނެ ވަކި ހާއްސަ މީހެއް، ލަފާ ދޭނެ މީހެއް ނެތުމަކީ އުނދަގޫވާނެ ކަމެއް. މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބު. ކްލަބަށް މިހާރު އެނގޭނެ ސްޕޯޓިން ޑިރެކްޓަރެއް ކޮންމެހެން ބޭނުންވާކަން. ކްލަބުގެ މެނޭޖުމަންޓާ ޓެކްނިކަލް މީހުންނާ ގުޅުވައިދޭނެ މީހަކީ އެއީ. މާކެޓްވެސް އެނގޭނީ ޓެކްނިކަލް ޑިރެކްޓަރަށް. ސްކައުޓުންނާ ބައްދަލުވާނީވެސް ހަމަ ޓެކްނިކަލް ޑިރެކްޓަރު،" މޮންޗީ ބުނެފައިވެއެވެ.
ޔުނައިޓެޑްގެ ޓްރާންސްފާ ކަންކަން ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑްސްގެ ބެލުމުގެ ދަށުން ހިނގަމުންދާއިރު، އެ ކްލަބުން މި ޓްރާންސްފާ ސީޒަންގައި ގެންގޮސްފައި ވަނީ ވެންޑަބީކް އެކަންޏެވެ. މިމަހު ފަސްވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވާނެއެވެ. މިހާރުވެސް ޔުނައިޓެޑުން އަންނަނީ ޕޯޓޯގެ އެލެކްސް ޓެލެސްގެ އިތުރުން އެޑިސަން ކަވާނީއާއި ބާސާގެ އުސްމާން ޑެމްބޭލޭ އަދި ލޫކާ ޖޮވިޗް ކްލަބަށް ގެންދަން މަސައްކަތް ކުރަމުންނެވެ.
ޓްރާންސްފާ ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑުން ސަންޗޯއަށް ލޯ އެޅި ނަމަވެސް އެ ޓްރާންސްފާވެސް ކާމިޔާބުވުމާ ފެއަށް ޖެހިލައިފިއެވެ. އެ ކްލަބުން ގެންދަން އުޅުނު ޑިފެންޑަރުގެ ބިޑް ޓޮޓެންހަމްއިން ވަނީ ހައިޖެކްޓް ކޮށް، ކާމިޔާބުވެސް ކޮށްފައެވެ.
"އިނގިރޭސި ލީގުގައި ލީޑްސްއާއި ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ސިޓީންވެސް ގެންގުޅެނީ ރަނގަޅު ސްޕޯޓްސް މެނޭޖުމަންޓެއް. އެ ކްލަބުތަކާ އެއްވަރަށް ސެވިއްޔާއަށް ފައިސާ ނުހޯދުނު ނަމަވެސް ސެވިއްޔާއަކީ މިހާރު ޔޫރަޕްގެ ވަރުގަދަ ނަމެއް. ކުޑަ ހަރަދަކުން ބޮޑު ނަތީޖާއެއް ނެރެފައިވާ ކްލަބެއް. 20 ފައިނަލް، 10 ތަށި، ޔޫރޮޕާ ލީގުގެ ރަސްކަން، މިއީ ކާމިޔާބީތައް،" މޮންޗީ ޔުނައިޓެޑަށް ފާޑުކިޔަމުން ފާހަގަކުރިއެވެ.
މި ޓްރާންސްފާ ސީޒަންގައި އެންމެ ވަރުގަދަ ޓްރާންސްފާތަކެއް ކުރި ޗެލްސީންވެސް ކްލަބުގެ ކުރީގެ ލެޖެންޑަރީ ގޯލްކީޕަރު ޕީޓާ ޗެކް ޓެކްނިކަލް ޑިރެކްޓަރަކަށް އައްޔަން ކޮށްފައި ވެއެވެ. ޔޫރަޕްގައި މިހާރު ރަސްކަން ކުރަމުން އަންނަ ލިވަޕޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީވެސް ރަނގަޅު ޓްރާންސްފާ ސްޓްރަކްޗާއެކެވެ. ރަނގަޅު ޓެކްނިކަލް ޑިރެކްޓަރެކެވެ.
ޔާގަން ކްލޮޕް ލިވަޕޫލާ ހަވާލުވެ، އެ ކްލަބުގައި ކުރިން އޮތް ޓްރާންސްފާ ބޯޑު އުވާލައި، މައިކަލް އެޑްވާޑްސްގެ ސިކުނޑިއާ ޓްރާންސްފާ ކަންކަން ހަވާލުކުރިއެވެ. އޭގެފަހުން އެ ކްލަބު ފެނުނީ އެންމެ ކާމިޔާބު ޓްރާންސްފާތައް ކޮށްފައިވާ ޓީމުގެ ގޮތުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު