ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަމިއްލަ ފަރާތްތަކަށް ދޫކުރި ބިންތަކުން ބައެއް ބިންތަކުގައި ގެ އަޅައިގެން މީހުން ދިރިއުޅެން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައިވަނީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ބިންތަކުގައި އަޅާފައިވާ ގެތަކަށް ކަމަށާއި އެ ގެތަކަށް ބަދަލުވެފައިވަނީ އެޗްޑީސީން ދިރިއުޅުމުގެ ހުއްދަ އެ ބިލްޑިންއަށް ދޫކުރުމުން ކަމަށެވެ.
ސުހައިލް ވިދާޅުވީ، އިމާރާތް ނިމުމުން އެ އިމާރާތަކަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައިދޭނެ ކަމަށާއި މިވަގުތު އެއް އިމާރާތުގައި މީހުން ދިރިއުޅެމުން އަންނަ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު އެތަނުގައި ހަދާ މިސްކިތުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. ދެވަނަ ފިޔަވައްސަށް ދަތުރުކުރަން ހެދި ހަތަރު ބުރިޖުގެ މަސައްކަތް ވެސް ނިމި، އޭގެ ތެރެއިން ނިރޮޅު މަގާ ގުޅިފައިވާ ބުރިޖު މިހާރު ވަނީ ހުޅުވާލައިފައެވެ.
ސުހައިލް ވިދާޅުވީ، ބުރިޖު އާންމުންނަށް ހުޅުވާލިޔަސް، ރައްޔިތުންނަށް ވަދުމުގެ ހުއްދަ އޮންނާނީ އަމިއްލަ މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަށް އެކަނި ކަމަށާއި އެހެން ސަރަހައްދުތައް ބަންދުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު