އިންޑިއާ ސަރުކާރުން އައްޑޫ ސިޓީގައި އަޅާ ޕޮލިސް އެކެޑަމީގެ މަސައްކަތަށް ކޮޗިން އިން އައި 53 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިކިއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެނޭޖަރު ޝަރަފުއް ސާދާތު (ސާތު) ވިދާޅުވީ، އެކަޑަމީގެ މަސައްކަތަށް އިންޑިއާއިން އައި 128 މީހުންގެ ތެރެއިން 53 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި އެންމެންވެސް ތިބީ ގަމުގައި ހުންނަ ދޫގަސްގައި ކަރަންޓީންވެެގެންނެވެ.

މީގެ އިތުރުން ސާތު ވިދާޅުވީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވި އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

އައްޑޫއިން މިހާތަނަށް 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު ޕޮޒިޓިވްވި 53 މީހުން ފިޔަވައި އެ ސިޓީން ޕޮޒިޓިވްވި އެންމެން ވަނީ ބަލިން ވަނީ ފަސޭހަވެފައެވެ.

ކޮވިޑާ ގުޅިގެން އައްޑޫއިން 200 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ވަނީ ނަގައިފައެވެ. އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްއެވެ.