މި ސީޒަންގެ އެއްވެސް މެޗެއް ނުކުޅެވިގެން އުޅެނިކޮށް، ރެއާލް މެޑްރިޑުގެ ތަރި އެޑެން ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

ރެއާލް މެޑްރިޑުގެ މެޑިކަލް ސާވިސަސް އިން ނެރެފައިވާ ރަސްމީ ރިޕޯޓެއްގައި ބުނެފައިވަނީ ހަޒާޑުގެ ކަނާތު ފައިގެ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަސް އެއްކޮށް ހަޒާޑު ހުންނަން ޖެހޭނީ ކުޅުމާ ދުރުގަ އެވެ. އޭނާއަށް ގެއްލޭ މެޗުތަކުގެ ތެރޭގައި އަންނަ މަހު 25 ވަނަ ދުވަހު އޮންނަ އެލް ކްލެސިކޯ މެޗު ވެސް ހިމެނެ އެވެ.

ޗެލްސީގައި ކުޅުނު އެއްވެސް ސީޒަނެއްގައި މާބޮޑު އަނިޔާއެއްގެ މައްސަލައެއް ދިމާވެފައި ނުވާ ހަޒާޑަށް، ރެއާލަށް ބަދަލުވި ފަހުން ގިނަ އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން މިދިޔަ ސީޒަންގެ ބޮޑު ބައެއް އަނިޔާގައި ހުރި އިރު، އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެ އެވެ.

މިރޭ ރެއާލުން ވަލަޑޮލިޑާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވަމުންދިޔަ އިރު، ހަޒާޑް ސްކޮޑުގައި ހިމެނޭނެ ކަމަށް ބެލެވުނެވެ. މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ރެއާލްގެ ކޯޗު ޒިދާން ބުނެފައިވަނީ ހަޒާޑް އެނބުރި ދަނޑު މައްޗަށް އަންނަން ވަރަށް ގާތްވެފައިވާ ކަމަށެވެ. އަދި މިރޭގެ މެޗުގެ ސްކޮޑުގައި ހަޒާޑް ހިމެނިފައިވީ ނަމަވެސް މެޗުގެ ކުރިން ލިބުނު އަނިޔާއާ ގުޅިގެން ދަނޑުމަތިން އޭނާ ނުފެންނާނެ އެވެ.

މިދިޔަ ސީޒަންގެ ކުރީކޮޅުގައި ވެސް ހަޒާޑް މާބޮޑަށް ފަލަވެގެން މައްސަލަތަކެއް ދިމާވި އެވެ. ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށް ތައްޔާރުވުމަށް ހަޒާޑް ރިޕޯޓް ކުރި އިރު ވެސް ހުރީ މާބޮޑަށް ފަލަވެފަ އެވެ. އެހެންކަމުން އޭނާގެ ފިޓްނަސް ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތްއިރު، ޒިދާން ބުނެފައިވަނީ ހަޒާޑަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި އަނބުރާ ދަނޑު މައްޗަށް ނުކުތުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ހަޒާޑް ފެނިގެންދިޔަ އިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕުގައި ވެސް ހަޒާޑް ވަނީ މޮޅަށް ކުޅެފަ އެވެ. ބެލްޖިއަމަށް ވޯލްޑް ކަޕްގެ ތިންވަނަ ހޯދައިދިނުމުގައި ވެސް އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ. އަދި ޗެލްސީއާއެކު އޭނާ ވަނީ ލީގާއި އެފްއޭ ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.