މިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ކްލަބު ދޫކޮށްލަން އަމިއްލައަށް އެދިފައެވެ. މެސީ އެދިފައިވަނީ އޭނާއާއެކު ބާސާ އިން ވެފައިވާ ކޮންޓްރެކްޓު އުވާލަ ދިނުމަށެވެ. އެކަމަށް ބާސާގެ ރައީސް ޖޯސެފް ބާޓެމިއޫ ދެކޮޅު ހަދާފައިވާ އިރު، އޭނާ ވަނީ މެސީއަށް ގާނޫނީ ގޮތުން ވެސް ހުރަސް އަޅައިފަ އެވެ.

ބާސާ އިން މެސީ ހިފަހެއްޓުމުން އެކަމާ ހިތްހަމަ ނުޖެހި، ބާސާގެ މެނޭޖްމަންޓާ ދެކޮޅަށް މެސީ މީޑިއާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައިވާ އިރު، މެސީ ބުނެފައިވަނީ މިއީ ބާސާގެ ޖާޒީގައި އޭނާ ކުޅޭނެ ފަހު ސީޒަން ކަމަށެވެ. އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ސުއަރޭޒުގެ މައްސަލައިގައި މެސީ އާއި ބާސާގެ މެނޭޖްމަންޓާ އިތުރަށް މައްސަލަ ޖެހުނެވެ.

ބާސާ އިން ސުއަރޭޒު ފޮނުވާލީ އެތުލެޓިކޯ މެޑްރިޑަށެވެ. އެތުލެޓިކޯ އަކީ ބާސާގެ ވާދަވެރި ކުލަބެއް ކަމަށް ވުމުން ބާސާ އިން ފުރަތަމަ ވަނީ އެކަމަށް ވެސް ހުރަސް އަޅައިފަ އެވެ. ނަމަވެސް ބާސާއާ ދެކޮޅަށް މީޑިއާތަކަށް އިންޓަވިއު ދޭނެ ކަމަށް ސުއަރޭޒް ބުނި ހިސާބުން ބާސާ އިން ވަނީ އޭނާ އެތުލެޓިކޯއަށް ދޫކޮށްލައިފަ އެވެ.

ސުއަރޭޒް ބާސާ އިން ފޮނުވާލުމާ ގުޅިގެން އޭނާގެ އެންމެ ގާތް އެކުވެރިޔާ މެސީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސުއަރޭޒަކީ ކްލަބުގެ ތާރީހުގައި މުހިންމު ކުޅުންތެރިއެއް ކަމަށާއި އެއަށްވުރެ ރަނގަޅު ވަދާއުއެއް ދާންޖެހޭ ކަމަށެވެ. ބާސާގެ ރައީސްގެ ނިންމުން މިފަހަރު ވެސް ބަލައިނުގަންނަ ކަމަށާއި މިހާރު އޮތް ބާސާގެ ބޯޑުން ނިންމާ ކަންކަމަށް އިތުރަށް ހައިރާންނުވާ ކަމަށް ވެސް މެސީ ބުންޏެވެ.

މެސީ ބުނެފައިވަނީ ބާސާ އިން ސުއަރޭޒް "އެއްލައިލުމަކީ" ވަރަށް ހުތުރު ކަމެއް ކަމަށާއި އެގޮތަށް ބޭރުކޮށްލުމަކީ އިހުތިރާމު ކުޑަކުރުން ކަމަށެވެ. އެ ޕޯސްޓާ ގުޅިގެން ބާސާ އާއި މެސީ ވެސް އިތުރަށް އެއްޗެކޭ ނުބުނެ ފަސް ވަރަކަށް ދުވަސް ފަހުން މެސީ ވަނީ އެ ޕޯސްޓުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"އެއީ އުނދަގޫ ވަގުތެއް. އަހަންނަށް އެނގޭ ބައެއް މީހުން ބުނާނެކަން އެއްޗެކޭ ނުބުނެ މަޑުން ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް. އެކަމަކު އެގޮތަށް އެތައް ދުވަހަކު ހުރެފިން. އެކަންކަމުން އަހަންނަށް ވެސް އަސަރުކުރޭ. އެ އަސަރުތަކަށް އަހަރެން ވެސް ޖަވާބު ދޭންޖެހޭ. އެއީ ޖަވާބަކީ ވެސް،" މެސީ ބުނެފައިވެ އެވެ.

މެސީ އިތުރަށް ބުނެފައިވަނީ ދަނޑުމަތީގައި 100 ޕަސެންޓް ދޭނެ ކަމަށާއި އޭނާ އެނގޭ އެންމެންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ. މުޅި ކެރިއަރުގައި އެންމެ މެޗެއްގައި ވެސް މޮޅުވާން ނޫން ގޮތަކަށް ކުޅެފައި ނުވާނެ ކަމަށް ވެސް މެސީ ބުންޏެވެ. އަދި ބާސާގެ ބެޖަށް ކުރާ އިހުތިރާމާއި ބާސާގެ ބެޖަށްޓަކައި ވާނެ ގުރުބާނީ އަދިވެސް އެންމެ ތަންކޮޅެއް ވެސް ކުޑަ ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.