މަސްވެރިކަން ރަނގަޅުވެއްޖެ ކަމަށާއި މިފްކޯއަށް ކިރުވާ މަހުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ފައުޒީ ވިދާޅުވީ އިއްޔެ ގދ. ފަރެސްމާތޮޑާގައި ދުއްވާ ބާހިރާ ދޯނި 40.4 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އެ ދޯނީގެ ފަޅުވެރިން ކުރެއްވި ހިތްވަރަށް ފައުޒީ ސާބަސް ދެއްވިއެވެ.

ފައުޒީ ވިދާޅުވީ އެއްދުވަހެއްގައި މިފްކޯއަށް އެންމެ ގިނަ މަސް ކިރުވީ 2006 ވަނަ އަހަރު ކަމަށެވެ. އެއީ ގދ. ތިނަދޫ ރަސްމަގު ދޯނިން 53 ޓަނުގެ މަސް ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފައުޒީ މިއަދު ވިދާޅުވީ މި މޫސުމުގައި މައިގަނޑު ގޮތެއްގައި މަސްވެރިކަން ރަނގަޅުކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެކި ދޯނިތަކުން މަސް ކިރުވާ އަދަދު އިތުރު ވެފައިވާކަން ފާހަގަ ވެފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިފްކޯއިން ވަނީ މަސްވެރިން ގެންނަ ހުރިހާ މަހެއް ކިރުވަން ތައްޔާރު ވެފައި ކަމަށެވެ. ހުރިހާ ދޯންޏަކުން ގެންނަ ހުރިހާ މަހެއް، ކޮލެޓީއަށް ބެލުމަށްފަހު ކިރުވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަކީ މަސްވެރިކަން ރަނގަޅު މަހެއްކަމުން މިއަހަރު ވެސް އޮކްޓޫބަރު މަހު މަސްވެރިކަން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މަސްވެރިންގެ ކިބައިން އެދިވަޑައިގަންނަވަނީ ލަސް ނުކޮށް އެންމެ ކައިރިން މަސް ކިރޭނެ ސްޓޭޝަނަކަށް ގޮސް މަސް ކިރުވުން ކަމަށެވެ. އަދި މަސް ނުކިރާ ގިނަ ދުވަސް ވާނަމަ މަހުގެ ކޮލެޓީއަށް ބަދަލު އަންނާނެކަން ފައުޒީ ފާހަގަ ކުރެއްވިއެވެ.