އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ޓޮޓެންހަމްއިން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ތަފާތު މަންޒަރެއް ފެނިގެންދިޔައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެރިކް ޑަޔާ ކުއްލިއަކަށް ދަނޑުން ފައިބައިގެން ޑްރެސިން ރޫމަށް ވަދަގެން ދިޔަތަން ފެނުނުއިރު، އޭނާގެ ފަހަތުން ކޯޗު މޮރީނިއޯވެސް ވަނީ ޑްރެސިން ރޫމަށް ވަދެގެން ގޮސްފައެވެ.

ކޮންމެއަކަސް މޮރީނިއޯގެ ފަރާތުން އަބަދުވެސް ތަފާތު މަންޒަރުތައް ފެންނާނެއެވެ. މިފަހަރު މޮރީނިއޯ ކުރިކަމަކީ ޑަަޔާ ބޮޑުކަމުދިޔުމަށް ޑްރެސިން ރޫމަށް ވަދެގެން ދިޔުމުން އޭނާ ވީހާވެސް އަވަހަށް ދަނޑުމައްޗަށް ނެރުމަށް ބަލައި ދިޔައީއެވެ. ޕެނެލްޓީ ޖަހައިގެން ރޭގެ މެޗުން ޓޮޓެންހަމް މޮޅުވެފައިވާއިރު، ޑަޔާ އެކަން ހަދާލީ ނިކަން މޮޅު ޖޯކަކަށެވެ. މެޗަށްފަހު އޭނާއަށް ލިބުނު މޮޅު ކުޅުންތެރިޔާގެ އެވޯޑު، ފާހާނާ ތަށްޓެއްގެ މަތީގައި ބައިންދައި ނަގާފައިވާ ފޮޓޯއެއް ވަނީ މީސް މީޑިއާގައި އާންމުކޮށްލައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޑަޔާ ބުނެފައި ވަނީ ފާހާނާއަށް ދާން ޖެހޭ ހާލަތުގައި ދާން ޖެހޭނެ ކަމަށާއި، ފާހާނައަށް ދިޔައީ ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވެ އަކުނި ވަޔަށްވެސް ދަމަން ފެށުމުން ކަމަށެވެ. ޑަޔާ ބުނެފައި ވަނީ އޭނާ ކޮންމެހެން ދާން ޖެހިއްޖެކަން ޑިފެންސިވް ކުޅުންތެރިން ކައިރީގައި ބުނި ކަމަށާއި، މޮރީނިއޯ އެކަމާ ހިތްހަމަ ނުޖެހުނުކަން އެނގޭ ކަމަށެވެ.

އެކަމާ ގުޅިގެން މޮރީނިއޯ ބުނެފައި ވަނީ ޑަޔާގެ ފަހަތުން ދިޔައީ ކުރަން ދިޔަ ކަންތައް އަވަސް ކުރުވުމަށް ކަމަށާއި، ރޭގެ މެޗުގައި ޑަޔާއަށް ފާހާނައަށް ދާން ޖެހުނީ ފިޓްނަސްގެ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. 48 ގަޑިއިރުގެ ތެރޭގައި ދެ މެޗު ކުޅުވުމަކީ އިންސާނުން ލައްވާ ކުރުވަން ހެޔޮވާވާރު ކަމެއް ނޫންކަމަށް މޮރީނިއޯ ބުނެފައިވާއިރު، އޭނާ ބުނީ ޑަޔާ ދެ މެޗުގައި އެވަރަށް ކުޅުމަކީ އާދަޔާ ހިލާފު ހަކަތައެއްގެ ސަބަބުން ކުރެވޭނެ ކަމެއް ކަމަށެވެ.

އިނގިރޭސި ކްލަބުތަކަށް އަބަދުވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައި އޮންނައިރު، މޮރީނިއޯ ބުނެފައި ވަނީ އިނގިރޭސި ލީގުގެ ޝެޑިއުލްތައް ތައްޔާރުކުރާއިރު އެފްއޭއިން ކުޅުންތެރިންނަށް ނުވިސްނާ ކަމަށާއި، އެކަމަށް ވިސްނަން ޖެހެނީ ކޯޗުން ކަމަށެވެ. މީގެ ކުރިންވެސް މޮރީނިއޯ ވަނީ މާ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހޭތީ ގިނަ ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައެވެ.